ބްރަސަލްސް (ޑިސެމްބަރު 4) : އީރާނުން އައިއެސް އާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ރަނގަނޅު ކަމެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ސިފަކުރައްވައިފި އެވެ.

ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި ވާހަކަ ދައްކަވަމުންކެރީ ވިދާޅުވީ އައިއެސްއަކީ އަރަބި އިސްލާމީ ގައުމުތަކުގެ އިތުރުން ޔޫރަޕާއި އެމެރިކާއަށްވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށާ އެހެންކަމުން އީރާން ވެސް އައިއެސް އާ ދެކޮޅަށް ހަރަކާތްތެރިވާ ނަމަ އެއީ ރަނގަނޅު ފިޔަވަޅެއް ކަމުގަ އެވެ. ކެރީ މިބަޔާން ދެއްވީ އިރާގުގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަކަށް އީރާނުން އިއްޔެ ވައިގެ ޙަމަލާތަކެއް ދިންކަމުގެ ޚަބަރުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

މިކަމާބެހޭ ގޮތުން އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ބުނެފައި ވަނީ އިރާގުގައިވާ އައިއެސްގެ އަމާޒުތަކަށް އީރާނުން ވައިގެ ޙަމަލާތަކެއް ދިންކަމަށް ބުނާ ޚަބަރުތަކަކީ ސައްޙަ ޚަބަރުތަކެއް ކަމުގައެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުގެ އަސްކަރީ ޖެޓްތަކުން އިއްޔެގެ ފަތިހުގެ ވަގުތެއްގައި ވަނީ އިރާގުގެ ދިޔާލީ ސަރަހައްދުގައިވާ އައިއެސްގެ މަރުކަޒުތަކަށް ޙަމަލާތަކެއްދީފަ އެވެ. މިރިޕޯޓްތައް އީރާނުން ދޮގުކޮށްފައެއް ނުވެ އެވެ.

އީރާން ދެކޭގޮތުގައި އިރާގަށް މިހާރު ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ އެމެރިކާއެވެ. އެމެރިކާ ސިފައިން 2003 ވަނަ އަހަރު ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.އަށް ގޮންޖެހުމަށް ފަހު ގަދަބާރުން އިރާގަށް އަރައިގަނެ ކުރި އަނިޔާވެރި ހަނގުރާމައިގެ ސަބަބުން އިރާގުގެ އެތަށް ލައްކަ ބަޔަކު މަރުގެ އިރާގުގެ ބޮޑުބައެއް ހަލާކުވެގެން ގޮސްފައިވާއިރު އައިއެސްފަދަ ބަދަލު ހިފުމުގެ ރޫހުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް އިރާގުގައި އުފެދިގެންދިޔައީ އެމެރިކާގެ ސަބަބުން ކަމަށް އީރާން ބުނެ އެވެ.

އަނެއްކޮޅުން ވައިޓްހައުސްއިންވަނީ އައިއެސްއާ ދެކޮޅަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި އީރާނާއެކު ވިލަރެސް ނުކުރާނެ ކަމަށްބުނެފައެވެ. ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އީރާނުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް އެމެރިކާ ދެކޮޅުހަދާ ކަމަށާ އެކަމުގައި ސަބަބުތަކެއް އެބަހުރި ކަމުގައެވެ. (އަލްޖަޒީރާ)