އެމްޑީޕީ ފިޔަވައި ރައްޔިތުންނަށް ވަޢުދެއްވެފައިވާ ޕާޓީ އެއް ރާއްޖޭގައި ނޯންނާނެ ކަމަށާއި، ސަރުކާރުގެ ސިޔާސަތު ކަނޑައަޅާފައި ވަނީ އެމްޑީޕީން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާފައި ވަނީ އެމްޑީޕީން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކަމަށާއި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން، ރައްޔިތުންގެ މަޖިލީހުން، ދައުލަތުގެ ބަޖެޓް ފާސްކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރާއި، އެމްޑީޕީގެ އަމާޒަކީ ރާއްޖޭގައި ޒަމާނީ ޤައުމިއްޔަތެއް، ޒަމާނީ ޤައުމެއް ބިނާކުރުން ކަމުގައެވެ. އަދި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ރާއްޖެ ބަދަލުވާނެ ކަމަށާއި، އަދި ރާއްޖެ ތަރައްޤީވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީ ފިޔަވައި ރައްޔިތުންނަށް ވަޢުދެއްވެފައިވާ އެހެން ޕާޓީއެއް މިރާއްޖޭގައި ނޯންނާނެ ކަމަށާއި، އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކުން، ވެރި ކަމަށް އަތުވެއްޖެނަމަ، ތަރައްޤީއަށް ކޮށްދޭނެ އެއްވެސް ކަމެއްގެ ތަފްސީލެއް ރައްޔިތުންނަށް ދީފައި ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ވަޢުދަކާނުލައި، ވަޢުދު ފުއްދެވުމުގެ މަސައްކަތެއް ނުކުރެއްވޭނެ ކަމަށާއި، އެކަމަށް ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރަން ބޭނުންވާ ފައިސާ ހޯދަން ނޫޅެވެނެ ކަމުގައި ރައީސް ވިދާޅުވި އެވެ.