ބްރަސަލްސް (ޑިސެމްބަރު 4): ފަލަސްތީނުން އިޢްލާންކޮށްފައިވާ މިނިވަން މުސްތަގިއްލު ދައުލަތް ގަބޫލުކުރުމަށް ބެލްޖިޔަމްގެ ސަރުކާރަށް ގޮވާލާ ގަރާރެއްގެ ދެލިކޮޕީ އެގައުމުގެ ޕާލަމެންޓަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ބެލްޖިޔަމްގައި ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކާ ޙަވާލާދީ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން މިގަރާރުގެ ދެލިކޮޕީ އަންނަ ހަފްތާގައި އެގައުމުގެ ޕާލަމެންޓަށް ހުށަހެޅުމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ބެލްޖިޔަމްއަކީ ފަލަސްތީނުން އިޢްލާންކޮށްފައިވާ މިނިވަން މުސްތަގިއްލު ދައުލަތް ގަބޫލުކުރުމާބެހޭ ގޮތުން ޕާލަމެންޓުން ގަރާރު ފާސްކުރުމަށް މަސައްކަތްކުރާ ފަސްވަނަ ގައުމެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް އިޢްތިރާފްވުމަށް ފަރަންސޭސި ސަރުކާރަށް ގޮވާލާ ގަރާރެއް ފަރަންސޭސި ޕާލަމެންޓުން މިދިޔަ އަންގާރަދުވަހު ފާސްކޮށްފައިވާ އިރު އިނގިރޭސިވިލާތާއި އަޔަރލޭންޑާއި ސްޕޭންގެ ޕާލަމެންޓްތަކުން ވެސް ވަނީ ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާ މިފަދަ ގަރާރުތައް ފާސްކޮށްފަ އެވެ. މިހަތަރު ގައުމުގެ ތެރެއިން ފަރަންސޭސި ސަރުކާރުންވަނީ 2016 ވަނަ އަހަރު ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވާނެ ކަން އިޢްލާންކޮށްފަ އެވެ.

ޔޫރަޕްގެ އެހެންގައުމެއް ކަމަށްވާ ސްވިޑްންގެ ސަރުކާރުން މިދިޔަ މަހު ރަސްމީ ސިފައެއްގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައި ގެންފަ އެވެ. އޭގެކުރިން ސްވިޑްންގެ ޕާލަމެންޓުންވެސް ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވުމުގެ ގަރާރެއް ފާސްކޮށްފައިވެ އެވެ. ސްވިޑްންއަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތް ހުޅަނގު ޔޫރަޕްގެ ފުރަތަމަ ގައުމެވެ.
އެކޯލިޝަނުން ހުށަހަޅާ މިގަރާރު ޕާލަމެންޓުން ފާސްވާނެކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށް މުރާސިލުން ބުނެ އެވެ. (އަލްޖަޒީރާ)