04 Dec 2014, 00:32
އިންޓަނޭޝަނަލް ޓެނިސް ފެޑަރޭޝަން (އައިޓީއެފް) އާއި އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) އިން އިންތިޒާމްކޮށްގެން ބެންކޮކްގައި ބާއްވާ ޓެނިސް ޑިވަލޮޕްމަންޓް ޓްރެއިނިންގް ކޭމްޕެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ނުވަ ޓެނިސް ކުޅުންތެރިއަކަށް ލިބިއްޖެއެވެ.
މި ދެ ފެޑަރޭޝަނުން 14 އަހަރުން ދަށުގެ އުމުރު ފުރާއަށް ޚާއްސަކޮށްގެން ބާއްވާ މި ޓްރެއިނިން ކޭމްޕްގައި ރާއްޖެގެ ފަރާތުން ބައިވެރިވާ ކުޅުންތެރިންނަކީ އަހްމަދު ޔޫނުސް އަސްލަމް އާއި ހުމައިދު އަބްދުލް ލަތީފް އާއި ޔޫސުފް އަހުމަދު އަކްރަމް އާއި އަޔާނީ މޫސާ ކަލީމް އާއި އައިޝަތު ޔަލާ ހުސައިން އާއި އައިޝަތު އީނާ ޝާހިދު އާއި ބަލްގިޝް ޝަހީލް ޖަލީލް އަދި އަބްދުﷲ ފާއިހް ފަޒީލް އެވެ.
މި ޓްރެންގް ކޭމްޕްގައި ރާއްޖޭގެ ތިން ފިރެހެން ކުޅުންތެރިންނާއި ހަ އަންހެން ކުޅުންތެރިން ބައިވެރިވައިރު، އަބްދުﷲ ފާއިހް ފަޒީލް މި ކޭމްޕްގައި ބައިވެރިވަނީ ކޯޗެއްގެ ގޮތުންނެވެ. 'ސަން' އަށް މައުލޫމާތު ދެމުން އެނާ ބުނީ މިއީ އޭނާ މިފަދަ ކޭމްޕެއްގައި ކޯޗެއްގެ ގޮތުން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށާއި، މި ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭތޯ ބަލާނެ ކަމަށެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ކުޅުންތެރިން ފުރަން ހަމަޖެހިފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ.
މިކަމާ ގުޅޭގޮތުން ޓެނިސް އެސޯސިއޭޝަނުން ބުނީ މި ދަތުރުގައި ބައިވެރިވާ ކުޅުންތެރިންގެ ހުރިހާ ކަމެއް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލަކު ކުޅުންތެރިންނާއެކު ދަތުރުގައި ބައިވެރިވާނެ ކަމަށެވެ.
މި ޓްރެއިނިންގް ކޭމްޕަށް ފަހު ރާއްޖެއިން ހޮވާލެވޭ ހަ ޓެނިސް ކުޅުންތެރިއަކަށް ވަނީ ވިއެޓްނާމްގައި ބާއްވާ 14 އަހަރުން ދަށުގެ ޓެނިސް ޑިވަލޮޕްމަންޓް ޗެންޕިއަންޝިޕްގައި ބައިވެރި ވުމުގެ ފުރުސަތުވެސް ލިބިފައެވެ. މި މުބާރާތް އަންނަ މަހުގެ ޖެނުއަރީގައި ފަށަން ހަމަޖެހިފައި ވާއިރު، މި މުބާރާތުގައި ރާއްޖެ ބައިވެރިވުމަށް ހަމަޖެހިފައި ވަނީ ދެވަނަ ޑިވިޝަންގެ އިވެންޓުތަކުގައެވެ.