ފީފާއިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގުމަށް އައްޔަނުކުރި އިންތިގާލީ ކޮމިޓީން އެ އެސޯސިއޭޝަންގެ ހިންގުމުގެ ކަންކަމާ ހަވާލު ވެއްޖެއެވެ.

މިއަދު އެ ކޮމިޓީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފީފާއިން އެ ކޮމިޓީއަށް ހަވާލުކޮށްފައިވާ މެންޑޭޓް ފުރިހަމަ ކުރުމުގެ މަސައްކަތް އެ ކޮމިޓީން ފަށާފައި ވާކަމަށެވެ. އެފްއޭއެމްއާ ގުޅުންހުރި ހުރިހާ ފަރާތްތަކުންވެސް އެ ކޮމިޓީއަށް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރަކާމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ކޮމިޓީން ދުވަހުން ދުވަހަށް ނިންމަންޖެހޭ ނިންމުންތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި އެފްއޭއެމްގެ ހިންގާ ކޮމިޓީ ބަދަލުވުމުގެ ސަބަބުން މިހާރު އެ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ފީފާއިގެ އެމާޖެންސީ ކޮމިޓީން އެފްއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި، އެ އެސޯސިއޭޝަން ހިންގުމަށް އިންތިގާލީ ކޮމިޓީއެއް އެކުލަވާލީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ކޮމިޓީގެ މައްސޫލިއްޔަތުތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހުކޮށް، އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގެ ކުރިން އެ އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީއެއް އައްޔަނު ކުރުމެވެ.

ފީފާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާއިން އެފްއޭއެމްގެ ހިންގާ ކޮމިޓީ އުވާލަން ނިންމީ މި އަހަރު އެ އެސޯސިއޭޝަންގެ ކޮންގްރެސް ބާއްވަން އެފްއޭއެމްގެ ހިންގާ ކޮމިޓީ ނުކުޅެދިފައި ވުމުން ކަމަށެވެ. އަދި އެކޮމިޓީގެ ބައެއް މެންބަރުން މިދިޔަ މަހު އިސްތިއުފާ ދިނުމުން އެފްއޭއެމްގެ ނިންމުންތައް ނިންމުމަށް އެ ކޮމިޓީ ނުކުޅެދިފައި ވާކަމަށްވެސް ފީފާއިން ބުންޏެވެ.

އެފްއޭއެމުން މި އަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން އުޅުނު ކޮންގްރެސް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނީ އެ އެސޯސިއޭޝަންގެ ރައީސް އިލްހާމް އަހްމަދު އާއި ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު ގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ހުށައެޅި ހުށަހެޅުން އެ ކޮންގްރެސްގެ އެޖެންޑާގައި ހިމެނިފައި ނެތުމުން އުފެދުނު ޚިޔާލުތަފާތުވުންތަކާ ހެދިއެވެ.