މިއަދު ހަވީރުން ފެށިގެން އައްޑޫ ސިޓީގެ ހިތަދޫ ކުނިކޮށީގައި ރޯވެ އަނދަމުން އެބަދެ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު ވިދާޅުވީ މިއަދު ހަވީރު 4:30 އާއި 5:00 އާ ދެމެދުގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ވަގުތުން ފިޔަވަޅުތައް އަޅަންފަށާފައިވާ ކަމަށެވެ. ތައްޔިބު ވިދާޅުވީ އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

"އަލިފާންގަނޑު ކޮންޓްރޯލް ކުރުމަކީ ވަރަށް ނާދިރުކަމެއް އިނގޭތޯ. އެއީ ވަރަށް ޒަމާންވީ ކުނިގޮނޑެއް. ގާތްގަނޑަކަށް މުޅި އައްޑޫގެ ހުރިހާ ގޭބިސީއެއްގެ ކުންޏާ ނުވިތާކަށް ކައިރީގައި މިއޮތް ޝަންގްރިލިއްލާ ރިސޯޓުގެ ކުނިވެސް ޖަމާވާނީ މިތަނަށް،" ތައްޔިބު ވިދާޅުވި އެވެ.

ތައްޔިބު ވިދާޅުވީ އަލިފާންގަނޑު ރޯވެފައިވާ ސަރަހައްދަކީ އެއްވެސް އާންމު ރައްޔިތަކު ދިރިއުޅޭ ސަރަހައްދެއް ކަމަށް ނުވުމުން އެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އެހެންނަމަވެސް ދުމުގެ އަސަރު ރަށުތެރެއަށް ވަރަށް ބޮޑަށް ފެތުރިފައިވާތީ ލިންކުރޯޑުން ދުއްވާ އެއްޗިއްސަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ދުން ހުންނާނެ އިނގޭތޯ. އަލިފާންގަނޑު އެހާވެސް ބޮޑަށް ރޯވެފައި އޮތީ. ލިންކް ރޯޑުގައި ދުއްވާ ބޭފުޅުން ދުއްވަން ޖެހޭނީ ވަރަށް ބަލައިގެން،" ތައްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިންކު ރޯޑުގެ ސަލާމަތީ ކަންކަމުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި ކުނި ކޮށީގައި ރޯވީ ކޮން ކީއްވެގެންކަމެއް އަދި ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ރޯވީ ކީއްވެގެން ކަމެއް ދަންނަވާކަން އަދި ނޭނގެ. އެހެންނަމަވެސް ހިއެއް ނުވޭ ހަމަ ހުރެފައި ރޯވާނެހެންވެސް. ހީވަނީ ކޮންމެވެސް ބައެއްގެ ކަމެއްހެން އެއީ. އެކަމަކު މިހެން ހަމަ ބުންޏަސް އަމިއްލައަށްވެސް ރޯވެދާނެ. އެއީ އެހާ ޒަމާންވީ ތަނެއް. ވަރަށް ބައިވަރު ކުނި ހުންނާނެ އެތަނުގައި،" ތައްޔިބު ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ހުސައިން އަލީ 'ސަން' އަށް ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން ކުރަމުން އަންނަ ކަމަށެވެ.