ގިނަ މުދާތަކެއް އެއްތަނަކުން ވިއްކުމަށް ބާއްވަމުން އަންނަ ވިޔަފާރީގެ ބޮޑު އީދު، "ނައިޓް މާކެޓް" މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

ބޮޑުބަންދާ ދިމާކޮށް ގޯމީޑިއާ އިން އިންތިޒާމުކޮށްގެން މިރޭ 9:00ގައި ހުޅުވި ނައިޓްމާކެޓްގައި ޖުމްލަ 450 މޭޒު ހިމެނެ އެވެ. އަދި 48 ޓެންޓާއި ވަގުތުން ތައްޔާރުކުރާ ކާއެއްޗެހި ކެއުމަށް ހާއްސަ ހަތަރު ކެންޓީން މިފަހަރުގެ ބާޒާރުގައި ވަނީ ހިމަނާފަ އެވެ.

"އުނގުޅޭ ބާޒާރު"ގެ ނަމުގައި މަޝްހޫރުވެފައިވާ އެ ބޮޑު ބާޒާރުގައި ތަފާތު ގިނަ ވައްތަރުގެ މުދާ ވިއްކުމަށް ގިނަ ވިޔަފާރިވެރިން ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ގޭތެރެ އާއި ބަދިގެއަށް ބޭނުންވާ ސާމާނުން ފެށިގެން ދިރޭ މަހާއި ކުޑަކުދިން ކުޅޭ އެއްޗިއްސާއި އަންނައުނާއި ފައިވާން ފަދަ ތަކެތި މިގަހަރުގެ ބާޒާރުގައި ވެސް ވިއްކަ އެވެ.

ނައިޓްމާކެޓުގައި ހަރަކާތްތެރިވާ ބައެއް ވިޔަފާރިވެރިން ބުނީ ރޯދަމަހާ ދިމާކޮށް ބާއްވާ ނައިޓްމާކެޓާ އަޅާ ބަލާއިރު، އަދި މިއީ ފުރަތަމަ ރެއަށް ވީއިރު، ނައިޓްމާކެޓަށް އާންމުންގެ ތަރުހީބު ވަަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.

ގޯމީޑިއާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާމިރު "ސަން" ވިދާޅުވީ، ރޯދަމަހާ ދިމާކޮށް ބާއްވާ ނައިޓްމާކެޓްގެ އިތުރުން ބޮޑު ޗުއްޓީ އާ ދިމާކޮށް ވެސް މާކެޓެއް ބާއްވަން ނިންމީ މި ދުވަސްވަރަކީ އަތޮޅުތެރެއިން ވެސް ގިނަ ރައްޔިތުންތަކެއް މާލެއަށް އަންނަ ދުވަސްވަރަކަށްވާތީ، ގިނަ މުދާ ތަކެއް އެއްތަނަކުން، ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ގިނަ ވިޔަފާރިވެރިން އެދެމުން އަންނާތީ ކަމަށެވެ.

ރާޅުގަނޑު ސަރަހައްދުގައި މިރޭ ހުޅުވި ނައިޓްމާކެޓް މިމަހު 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ނައިޓްމާކެޓް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ.