އިންޑިއާ އިން ރާއްޖެ އަށް ތެޔޮ އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެސެއްސުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުންދީފި އެވެ.

އިންޑިއާގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވާލް ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ދަތުރާ ބެހޭ ގޮތުން
އިންޑިއާ ހައި ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް ތެޔޮ އެތެރެ ކުރުމުގެ ކަންތައްތައް އަވަސް ކުރުމުގެ އިތުރަށް ރާއްޖޭގެ ތަރައްގީ އަށް ހުއްޓުމެއް ނެތި އިންޑިއާ ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި ތައުލީމާއި އިންފްރާސްޓްރަކްޗާ އާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެހީތެރިވެދިނުން ހިމެނޭ ކަމަށެވެ.

އިންޑިއާ ހައިކޮމިޝަނުގެ ބަޔާނުގައި ބުނީ އިންޑިއާގެ އާ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުން އަވައްޓެރި ގައުމުތަކާ އެކު ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކަމަށާއި އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިންޑިއާގެ ޕްރައި މިނިސްޓަރު ނަރަންދުރަ މޯދީ މިއަހަރުގެ މޭ މަހު ދިއްލީގައި ބައްދަލު ކުރެއްވި ކަމަށާއި އަދި އޭގެ ފަހުން މިދިޔަ މަހު ކަތަމަންޑޫގައި އޮތް ސާކް ސަމިޓްގައި ދެ ބޭފުޅުން ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ޑިފެންސް އެންޑް ނޭޝަނަލް ސިކިއުރިޓީއާ ބެހޭ ގޮތުން ހާއްސަ ގޮތެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ހައި ކޮމިޝަނުން ބުނީ އެއް ގައުމުން އަނެއް ގައުމުގެ ސަލާމަތީ އަދި މުހިއްމު މަސްލަހަތުތަކަށް އިހުތިރާމްކޮށް، އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުން ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށެވެ.