03 Dec 2014, 22:03
އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މިސްޓަރު އަޖިތު ދޮވާލް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ކުރީގެ ރައީސް މައުމޫންގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ޒިޔާރަތުގައި އަޖިތު ދޮވާލް އަރިހުގައި ވަޑައިގެންނެވި ވަފްދުގެ އެހެން ބޭފުޅުންނާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރު ރަޖީވް ޝަހާރޭ ބައިވެރިވެ ވަޑައިގަތް ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވަމުން ގެންދަވާ ގާތްކަމާއި ރާއްޖޭގެ ތަރައްގީގައި ވެދެއްވާ އެހީތެރިކަމަށް ޓަކައި އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި ކަމަށް މައުމޫން އޮފީހުން ބުންޏެވެ. އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއާ މެދު ގެންގުޅުއްވި ގާތް ރަޙްމަތްތެރިކަމުގެ ހަރުދަނާ ސިޔާސަތަށް ޓަކައި ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރަށް ފުޅާވެ ވަރުގަދަ ވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް ވިދާޅުވި އެވެ.
އަޖިތު ދޮވާލްގެ ވާހަކަފުޅުގައި ރައީސް މައުމޫނަކީ ސިޔާސީގޮތުން ވަރަށް މުއްސަނދި ތަޖުރިބާތަކެއް ޙާޞިލް ކުރައްވާފައިވާ އަދި އިންޑިއާ ސަރުކާރު އަބަދުވެސް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވާ ބޭފުޅެއް ކަމުގައި ވިދާޅުވި ކަމަސް މައުމޫންގެ އޮފީހުން ބުންޏެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގުޅުން ބަދަހިވެގެން ދިޔުމުގައި އެމަނިކުފާނު ވަރަށް ބޮޑު ޙިއްސާއެއް އަދާކުރައްވާފައިވާކަމުގައި ވިދާޅުވެ ރައީސް މައުމޫނަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.