03 Dec 2014, 21:54
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހަރުދަނާ މާލިއްޔަތެއް ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުއްޓަށާއި އެ އަތޮޅު ދިއްދޫއަށް މިރޭ ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި "ސަން"އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް އެމްޑީޕީން ވޯޓު ނުދޭން ބޭނުންވާ ސަބަބަކީ އަންނަ އަހަރުގެ ބަޖެޓުގައި ހަރުދަނާ އިގްތިސާދީ ބިންގަލެއް ނެތުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކާޑުގެ ބާވަތުން ސަބްސިޑީ އުވާލާއިރު ކާޑު ގަންނަ 40 ޕަސެންޓަކީ ސަބްސިޑީގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.
"މިބުނާ 40 ޕަސެންޓުގެ މީހުންނަކީ ހަގީގަތުގައި ވަރަށް ގިނަ އަދަދެއްގެ މީހުން. ކާޑުގެ ސަބްސިޑީ ގެއްލިގެން ދިޔާމާ އެކަމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެގެންދާނެ. އަދި އެއީ ނިކަމެތި ނޫން ބައެއްކަމުގައި ވިއަސް، މެދު އާމްދަނީ ލިބޭ ބަޔަކަށް ވިއަސް ދަތިވާނެ،" ނަޝީދު ވިދާޅުވި އެވެ.
އިތުރަށް ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު އޮތް ގޮތުން ގެއެއްގެ ހަރަދު 2500 ރުފިޔާއިން 3000 ރުފިޔާއަށް ބަދަލުވެގެންދާ ކަމަށެވެ. އެހެންކަމުން އެކި ބާވަތްތަކުން ޑިއުޓީ ބޮޑުކޮށް ބައެއް ބާވަތްތަކުން ސަބްސިޑީ އުވާލާއިރި ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށެވެ.
"ހަމައެއާއެކު ދައުލަތުގެ އާމްދަނީ ހަމަޖެހިފައި ނުވާތީވެ، ބަޖެޓު ހަރަދު ކުރުމަށް ދެން ދަރަނިވެރިވާންޖެހޭ ކަމުން އަނެއްކާވެސް މާލިއްޔަތަށް ވަރަށް ބޮޑު އުނދަގޫތައް ފޯރައިގެން ދާނެ. އިތުރަށް ޓީބިލް ވެސް ވިއްކެން އަންނާނީ އިންޓުރެސްޓް ރޭޓު މައްޗަށް ގެންގޮސްގެން. މިހާރު ވެސް އަޅުގަނޑުމެން ވެސް ދަރަނީގެ އިންޓްރެސްޓެއްގެ ގޮތުގައި ވަރަށް ބޮޑު އެއްޗެއް އެބަދައްކަމު،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ ދިވެހިންގެ ކަންބޮޑުވުމަކީ ކާޑުގެ ބާވަތުން ޑިއުޓީ ނަގަން ފަށާތީ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ދިވެހިންނަކަށް ގެއްލުމެއް ނުވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ. ހަމައެއާއެކު ކާޑުގެ އަގު މާބޮޑަތަން ބޮޑުވެގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.