31 Jan 2011, 17:36
އިއްޔެ ބޭއްވި ޝަރީޢަތުގެ މަޖިލީހެއްގައި ދެއްކި ވާހަކަތައް، މީޑިއާގައި ހާމަނުކުރުމަށް ސުޕްރީމް ކޯޓުން އެންގެވި ނަމަވެސް ސުޕްރީމް ކޯޓުގެ ޕޮލިސީއަކީ ޝަރީއަތްތައް މީޑީއާގައި އާންމު ކުރުމުގެ ފުރުސަތު ދިނުން ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
އެންމެ މަތީ ކޯޓުން ބުނީ އެ ކޯޓުގެ ވިސްނުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ރޫޙާ އެއްގޮތްވާގޮތުގެ މަތިން ހުޅުވާލެވިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލީސްތައް ދެފުށްފެންނަ، ހާމަކަން ބޮޑުގޮތެއްގައި މީޑިއާގައި ޢާއްމުކުރުމުގެ ފުރުޞަތު މީޑިއާއަށް ތަނަވެސް ކޮށްދިނުން ކަމަށެވެ.
ނަމަވެސް، މައްސަލައެއްގައި ހިމެނޭ ޚަޞްމެއްގެ ޢިއްޒަތާއި ކަރާމާތަށް އުނިކަން އަންނާނެކަމަށް އެ ޚަޞްމަކަށް ޤަބޫލުކުރެވިގެން ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައެއްގެ ތަފްޞީލު މީޑިއާގައި ހާމަނުކުރުމަށް އެދިއްޖެ ނަމަ، މައްސަލައިގެ ބާވަތާ، ޠަބީޢަތަށް ރިޢާޔަތްކޮށް، އެ ތަފްޞީލުތައް ހާމަކުރުމުގެ ނަތީޖާއާ މެދު ސުޕްރީމް ކޯޓުން ވިސްނާނެ ކަމަށެވެ.
ކެންޑިޑޭޓެއްގެ ނަން ބާތިލް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގެ އެއްވެސް މައުލޫމާތެއް މީޑިޔާ އަށް ހާމަ ނުކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގައި ދެއްކި ވާހަކަތައް ރިޕޯޓް ނުކުރުމަށް އެންގީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް އިން ރ. އިންނަމާދޫ، ފިނިވާގޭ، އިބްރާހިމް ހަލީމުގެ މައްޗަށް ކުރި ދައުވާގެ މައްސަލައިގަ އެވެ.
އެ މައްސަލަ އަޑުއެހުމަށް ވަން "ހަވީރު" ގެ ނޫސްވެރިޔާއަށް ސުޕްރީމް ކޯޓުން އެންގި އެންގުމުގައި ބުނެފައި ވަނީ ދައުވާ ލިބޭ ފަރާތް ކަމަށްވާ ހަލީމުގެ އެދުމާ ގުޅިގެން ޝަރީއަތުގައި ދެއްކި ވާހަކަތައް މީޑިޔާ އަށް ހާމަ ނުކުރުމަށް އަންގާ ކަމަށެވެ.