03 Dec 2014, 21:48
އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝްރީ އަޖިތް ދޮވާލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަރިއަހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ޚާއްޞަކޮށް ސަލާމަތީ ދާއިރާ އިން އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިސަރަޙައްދުގައި އަމަންއަމާންކަން ގާއިމުކުރެއްވުމައްޓަކައި އިންޑިޔާ އަށް ރާއްޖެ އިން އަބަދުވެސް އެއްބާރުލުން ދެމުންގެންދާނެ ކަމުގެ ޔަގީންކަން ޝްރީ އަޖިތް ދޮވާލަށް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި، އިންޑިޔާގެ ސަލާމަތީ ކަންތައްތަކަށް ޚާއްޞަ އިސްކަމެއް ދެއްވަވާނެ ކަމުގައި ރާއީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ ވާހަކަފުޅުގައި، ދެ ގައުމުގެ ކުރިއެރުމާއި ފާގަތިކަމަށް ޓަކައި ދިވެހި ސަރުކާރާ އެކު އިންޑިޔާ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙަންމަދު ޙުސައިން ޝަރީފާއި ފޮރިން ސެކްރެޓަރީ ޑޮކްޓަރު ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ އަރިހުގައި ބައިވެރިވެވަޑައިގަތީ، ރާއްޖޭގައި ހުންނަވާ އިންޑިޔާ ސަފީރު ރަޖީވް ޝަހާރޭއާއި، އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުގެ ޖޮއިންޓް ސެކެރެޓަރީ ސުޗިޓްރާ ދުރައިއެވެ.