03 Dec 2014, 20:20
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދު ކުރުމަށް ސަރުކާރުން މާބޮޑަށް ބާރުއަޅަނީ ފޮރުވިފައިވާ ސިއްރުތަކެއް އުޅޭތީ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލުްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
ހދ. ކުޅުދުއްފުއްޓަށާއި އެ އަތޮޅު ދިއްދޫއަށް މިރޭ ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި "ސަން"އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށެވެ. ގާނޫނު އަސާސީގައި އެންމެ ބޮޑު ބިންގަލަކީ ދެފުށް ފެންނަ ގޮތަށް ކަންތައް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިކަން ކުރުމުގައި ވަރަށް ރަނގަޅު ގޮތްތަކެއް ގާނޫނު އަސާސީގައި އެބަވޭ ދެއްތޯ ކަނޑައަޅާފައި. މީގަ އެންމެ ބޮޑު ބޭނުމަކީ ފަނޑިޔާރަކު އެކަމުން ވަކިކުރުމަށް ގާނޫނު އަސާސީން އެ ބުނާ މަޖިލީހުގެ އަގުލަބިއްޔަތު ލިބުނީމާ އެ ވަކި ކުރެވެނީ. އެކަން އެގޮތަށް ކުރުމުގެ ބޭނުމަކީ ކުރިއަށް ހުރިތަނުގައި ކަންކަން ރަނގަޅު ކުރުމަށް ފަނޑިޔާރުންނަށް ބާރު އެޅުން. އެހެންވީމަ އަޅުގަނޑުމެންނަށް ފެންނަނީ ފޮރުވިފައިވާ ފަރުދާގެ އަނެއް ފަރާތުގައިވާ ރޭވުންތަކެއް އޮތް ކަމަށް ލަފާކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަށް މިހާރު ގެންނަން އުޅޭ ބަދަލުގެ ސަބަބުން ފަނޑިޔާރު ކަމުން ވަކިވާނެ ބޭފުޅުންނާއި ވަކި ނުވާނެ ބޭފުޅުންގެ މައުލޫމާތު ނުލިބޭ ކަމަށެވެ. ފަސް ފަނޑިޔާރުންނަށް ބަދަލުކުރަން ނިންމުމުން ރައްޔިތުންނަށް ލިބޭނެ ފައިދާއަކަށް ވިސްނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޝަރުއީ ނިޒާމް އިސްލާހު ކުރަން ކިތަންމެ ކަމެއް އެބަ ހުރި. އެހެން ނަަމަވެސް އެކަންތައްތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުން ހިމެނޭ ކަމަށް ވަނީވިއްޔާ ގާނޫނު އަސާސީގައި ފަނޑިޔާރުން މަދު ކުރުމަށް އެކަށައަޅާފައިވާ ތަރުތީބުގެ ތެރެއިން ނޫނީއްޔާ އަޅުގަނޑު ދެކޭ ގޮތުގައި އެކަން ކޮށްގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިރޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ނިންމަން އުޅެނީ ރައީސް ޔާމީންގެ ބާރު ސުޕްރީމް ކޯޓުގައި ތަނެއްގައި ގޮތަށް "އަތުރާލުމަށް" ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް ކޯޓުތަކުގެ ގާނޫނަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި އިސްލާހުގެ ބިލް މަޖިލީހަށް ބަލައިގަތީ 43 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް 22 މެމްބަރަކު ވޯޓު ދެއްވި އެވެ.