ފަނަރަ މެމްބަރުންގެ މައްޗަށް އެކުލެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ފަހު ގޮނޑި ސަން އޮންލައިންގެ ހުސައިން ހަސަން ކާމިޔާބު ކުރައްވައިފި އެވެ.

ހުސައިން އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓު ދެއްވި 57 މެމްބަރުންގެ ތެރެއިން 32 މެމްބަރުންގެ އަޣުބިއްޔަތުންނެވެ. އޭނާއާ ވާދަ ކުރެއްވި ވީކްލީ މެގަޒިންގެ އަހުމަދު ރިފާއުއަށް ލިބިވަޑައިގެންނެވީ 24 ވޯޓެވެ. އިންތިހާބުގައި އެއް ވޯޓު ވަނީ ބާތިލްވެފަ އެވެ.

މިއަދު ބޭއްވި މީޑިއާ ކައުންސިލް އިންތިހާބަކީ ވޯޓު އެއްވަރުވެގެން ތިން ވަނަ ފަހަރަށް ބޭއްވި އިންތިހާބެކެވެ. އެންމެ ފުރަތަމަ ބޭއްވި އިންތިހާބުގައި އެއް ގޮނޑިއަކަށް ވާދަ ކުރާ ފަސް މެމްބަރުންގެ މެދުގައި ވޯޓު އެއްވަރުވި އެވެ. އަދި ދެ ވަނަ ބުރުގައި އެންމެ މަތިން ވޯޓު ހޯއްދެވި ހުސައިން އާއި ރިފާއުގެ މެދުގައި ވޯޓު އެއްވަރުވި އެވެ.

މީޑީއާ ކައުންސިލަކީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އެ ކައުންސިލްގައި މީޑިއާތަކުން ތަމްސީލު ކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރުން ތިއްބަވަ އެވެ.

ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލަށް ރައީސަކާއި ނައިބު ރައީސަކު ހޮވުމަށް ބާއްވާ ބައްދަލުވުން މާދަމާ ހެނދުނު އެ މިނިސްޓްރީގައި ބާއްވާނެ ކަމަށެވެ. އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވުމުގެ ދައުވަތު، މީޑިއާ ކައުންސިލްގެ 15 މެމްބަރުންނަށް ވަނީ ދައުވަތު ދީފަ އެވެ.