ކުރީގެ ޖީލެއްގެ ރަހިމެއްގެ އެހީގައި އިނގިރޭސިވިލާތުގައި، ދެ އަންހެނަކު ވިހައިފިއެވެ. މީ ދުނިޔޭގައި މިފަދަ ސާޖަރީއެއް ކާމިޔާބުވި ފުރަތަމަ ފަހަރެވެ.

މި ދެ އަންހެނުންނަށް ވެސް ރަހިމު ހަދިޔާކޮށްފައިވަނީ އެމީހުންގެ މަންމަގެ ފަރާތުންނެވެ. އިނގިރޭސިވިލާތުގައި މިހާރުވެސް ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރައެވެ. އެއީ އުފަންވާ އިރު ރަހިމު ނެތުމުން ނުވަތަ ސިއްހީ ބަލިމަޑުކަމެއްގެ ސަބަބުން ރަހިމު ނަގައިފައި ވުމުންނެވެ. ވުމާ އެކު މިކަން ވެގެން ދިޔައީ ދަރިން ނުލިބިފައި ތިބި މީހުންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

މި ދެ އަންހެނުންނާ އެކު ޖުމުލަ ނުވަ މީހުން ރަހިމުގެ "ޓްރާންސްޕްލާންޓް" ހަދާފައި ވެއެވެ. އަދި އޭގެ ތެރެއިން ހަތްމީހުންގެ ސާޖަރީ ކާމިޔާބުވެ ދެ މީހުންނަށް މިހާރު ވަނީ ދަރިން ވެސް ލިބިފައެވެ.

"މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މިގޮތަށް މިކަން ކުރިޔަށް ދާނަމަ ދަރިން ހޯދުމަށް އެހެން އަންހެނުންގެ އެހީ ހޯދާކަށް ނުޖެހޭނެ. ކޮންމެ އަންހެނަކު ވެސް ބޭނުންވާނީ ދަރިން އަމިއްލަ ބަނޑުއަޅައި ވިހަން." ބްރިޓިޝް ފާޓިލިޓީ ސޮސައިޓީން ބުނެފައި ވެއެވެ.

ބައިގެން ދިޔުމުގެ މައްސަލަތައް ދިމާވާ އަންހެނުނަށް ވެސް މި ގޮތް ޚިޔާރުކުރުމުގެ ސަބަބުން ދަރިން ހޯދުމަށް މަގުފަހިވެގެންދާނެ އެވެ. ޓާކީ އަދި ސައޫދީއަރަބިއްޔާ ފަދަ ގައުމުތަކުގައި މީގެ ކުރިން ވެސް ވަނީ މިފަދަ ސާޖަރީތައް ކޮށްފައެވެ. އެހެންނަމަވެސް ކާމިޔާބުވެފައެއް ނެތެވެ. މި ޚަބަރާއި އެކު އެމެރިކާ، ޗައިނާ އަދި އޮސްޓްރޭލިޔާ ފަދަ ޤައުމުތަކުން މިކަހަލަ ޕްރޮގްރާމެއް ފެށުމުގެ އުއްމީދު ވަރަށް ބޮޑެވެ.