މަސްތުވާތަކެތި ގެންގުޅުނު ދެ މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މ. ރަނިކަ ހަސަން ހަލީމާއި ގ. މަލިންގޭ އަހްމަދު އަސަދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސި 6:15 އެހައިކަންހާއިރު، އެ ދެ މީހުންގެ ކޮންޓްރޯލްގެ ދަށުން މަސްތުވާތަކެތި ފެނިފައިވާތީ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ހަސަން ހަލީމް ލައިގެން ހުރި ތުވާލިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތަކެއް ވެއްޓުނުތަން ފެނިގެން އޭނާގެ ބައްޕަ ފުލުހުންނަށް އެކަން ރިޕޯޓު ކުރުމުން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެގެއަށް ދިޔައިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަހްމަދު އަސަދު ލައިގެން ހުރި ޖިންސްގެ ޖީބުން 94 ރަބަރު ޕެކެޓުފެނިފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.