03 Dec 2014, 16:47
ޗެލްސީގެ އަމާޒަކީ 'އިންވިންސިބަލްސް' ގެ މަގާމު ހާސިލް ކޮށްފައިވާ ދެ ޓީމާ ވާދަކުރުން ނޫން ކަމަށާއި، އެ ޓީމުން ބޭނުންވަނީ މި ސީޒަންގެ ތަށި ހޯދަން ކަމަށް ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އަދި މިހާތާނަށް އެއްވެސް މެޗަކުން ބަލިނުވެ ލީގް ނިންމާލި ހަމައެކަނި ދެ ޓީމް ކަމަށްވާ އާސަނަލް އާއި ޕްރެސްޓަން ނޯތު އެންޑަށް 'އިންވިންސިބަލްސް' ގެ މާގާމު އިނގިރޭސިވިލާތުގައި ދީފައި ވާއިރު، ޗެލްސީގެ ކޯޗް މޮރީނިއޯ ބުނީ އެ ޓީމްތަކާ ވާދަކޮށް ޗެލްސީވެސް އެ މަގާމް ހޯދުމަކީ މިފަހުރުގެ ސީޒަންގައި އެ ޓީމުގެ އަމާޒެއް ނޫން ކަމަށެވެ.
"ބަލިނުވެ ސީޒަނެއް ނިންމާލުން އެއީ ޓީމަކަށް ކުރެވިދާނެ ކަމެއް ކަމަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރުމެން މި ކުޅެނީ ބަލިނުވެ ސީޒަން ނިންމާކަށެއް ނޫން. އަހަރުމެން މި ކުޅެނީ ތަށި ކާމިޔާބު ކުރަން. ބަލިނުވާން ކުޅޭ ޓީމެއް އުނދުގޫ މެޗެއް ކުޅެން ޖެހިއްޖެއްޔާ ކުޅޭނީ އެ މެޗު އެއްވަރުކުރަން. އެއީ ޗެލްސީ ވިސްނާ ގޮތެއް ނޫން. ބަލި ނުވާން ވިސްނައިން 10 މެޗު އެއްވަރު ކުރަން ކުޅޭ ޓީމަށް އެ 10 މެޗު އެއްވަރު ކުރެވުނަސް ލިބޭނީ 10 ޕޮއިންޓު. މޮޅުވާން ކުޅޭ ޓީމެއް ވެއްޖެއްޔާ އެ 10 މެޗުގެ ތެރޭން ފަސް މެޗު ކާމިޔާބު ކޮށް އަނެއް ފަސް މެޗުން ބަލިވިޔަސް އެ ޓީމަށް 15 ޕޮއިންޓް ލިބޭނެ. އެފަދަ ގޮތަކަށް ބަލައިފިނަމަ އެ 15 ޕޮއިންޓަކީ 10 ޕޮއިންޓަށް ވުރެ އަހަންނަށް މާ މުހިންމު އެއްޗެއް،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ފުޓްބޯޅައިގައި ޓީމެއްގެ ކާމިޔާބީތައް ގުނާނީ އެ ޓީމެއް ހޯދާ ތަށިތަކުން ކަމަށާއި، އަބަދުވެސް ފުޓްބޯޅަ ލީގެއްގައި މޮޅުވާނީ އެންމެ ރަނގަޅު ކުޅުންތެރިން ތިބި ޓީމެއް ކަމަށެވެ. އަދި މިހާރު ޗެލްސީ ކުޅެމުން ގެންދާ ގޮތާ މެދު ވަރަށް ހިންހަމަ ޖެހޭ ކަމަށާއި، ޓީމުން ހިންހަމަ ޖެހޭ ވަރުގެ ކާމިޔާބީ ތަކެއް ހޯދަމުން ދާކަމަށްވެސް އޭނާ ބުންޏެވެ.
"ޗެލްސީން މިހާރު ގެންދަނީ ނަތީޖާތަކެއް ހޯދަމުން. ޓީމުގެ ކުޅުން ރަނގަޅު ކުރަން އަހަރުމެން އަބަދުވެސް މަސައްކަތް ކުރަން. ކޮންމެ ޓީމްކުންވެސް ދައްކައިދޭ ފެންވަރު މުބާރާތެއްގައި ކާމިޔާބީތަކަކަށް ބަދަލު ކުރަން ޖެހޭ. ޗެލްސީއަކީ 'އަބަދުވެސް މޮޅުވާނީ ތިމަންނަމެނޭ' ބުނާނެ ޓީމެއް ނޫން. އަހަރުމެން އަބަދުވެސް ކާމިޔާބީ ހޯދަން މަސައްކަތް ކުރަން ޖެހޭ،" މޮރީނިއޯ ބުންޏެވެ.
ގިނަ ބަޔަކު ދެކެނީ އިންގިރޭސި ޕްރިމިއާ ލީގު ތާވަލްގައި މުޅިއަކު 33 ޕޮއިންޓާއެކު އެއްވަނައިގައި މިހާރު އޮތް ޗެލްސީއާ އަރާ ހަމަ ކުރެވޭނެ ހަމައެކަނި ޓީމަކީ ތާވަލްގެ ދެވަނައިގައި 27 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ސިޓީ ކަމަށެވެ. ނަމަވެސް މޮރީނިއޯ ވަނީ މިކަމާ ދެބަސް ވެފައެވެ. އެނާ ބުނީ ކުރިއަށް ވަރަށް ދިގު ރާސްތާއެއް ލީގުގައި އެބަ އޮތް ކަމަށާއި، ތާވަލްގައި ޗެލްސީއާ 15 ޕޮއިންޓުގެ ތަފާތެއް އޮތް ކޮންމެ ޓީމަކަށް ވެސް އެ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެބޮތް ކަމަށެވެ.