03 Dec 2014, 16:45
ލުބުނާނު ސިފައިން ހައްޔަރުކޮށްގެން އުޅެނީ އިސްލާމިކް ސްޓޭޓް ( އައިއެސް)ގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީގެ އަންހެނުން ނޫން ކަމަށް އިރާގު ސަރުކާރުން ބުނެފިއެވެ.
އައިއެސްގެ ލީޑަރު އަނތްބަކާއި ދަރިއަކު ހައްޔަރުކޮށްފައިވާ ކަމަށް ލުބުނާނުން ދައުވާކުރިތާ އެއް ދުވަސް ފަހުން އިރާގުގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނީ ލުބުނާނުން ހައްޔަރުކޮފައިވާ ސާޖާ އަބުދުލް ހަމީދު އަލް ދުލައިމީއަކީ އޭނާގެ އަނތްބެއް ނޫން ކަމަށެވެ.
ނަމަވެސް އެއީ ބޮންގޮއްވުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ އުމަރު އަބުދުލް ހާމިދު އަލް ދުލައިމީ ނަމަކަށް ކިޔާ މީހެއްގެ އުހުތެއް ކަމަށް ވެސް އިރާގު ސަރުކާރުން ވަނީ ބުނެފައެވެ. އިރާގު އިންޓީރިއާ މިނިސްޓްރީން ވަނީ އައިއެސްގެ ލީޑަރުގެ ދެ އަނބިންގެ ނަން ވެސް ހާމަކޮށްފައެވެ. އަދި ބުނެފައި ވަނީ އައިއެސްގެ ލީޑަރުގެ އަނބިންގެ ތެރޭގައި ސާޖާ ނަމަކަށް ކިޔާ މީހަކު ނުވާ ކަމަށެވެ.