03 Dec 2014, 16:42
ތަރައްގީގެ މަގުގައި ޗައިނާއިން ކަނޑައަޅާފައިވާ ޝިއާރުތަކުގެ ތެރޭގައި ހިމެނޭ " ޗައިނީޒް ޑްރީމް" ( ޗައިނާގެ ހުވަފެން) އަކީ ރާއްޖޭގެ ރައްޔިތުންގެ ފާގަތިކަމާ ވެސް ގުޅިފައިވާ ކަމެއް ކަމަށް ރާއްޖޭގައި ހުންނަވާ ސަފީރު ވާންފޫކާން ވިދާޅުވެއްޖެއެވެ.
ޗައިނާ ސަރުކާރާއި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކެއް ގުޅިގެން އުފެއްދި "ޗައިލްޑް އެޑްވޮކޭސީ ނެޓްވޯކް އޮފް ޑިސްއެބިލިޓީ އޯގަނައިޒޭޝަންސް" (ކޭން ޑޫ) އިފްތިތާހު ކުރުމަށް ޗައިނާ އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޫކާން ވިދާޅުވީ ޗައިނާގެ ހުވަފެނަކީ ހުރިހާ ގައުމެއްގެ މީހުންގެ ފާގަތިކަމާ މެދު ދެކޭ ހުވަފެއް ކަމަށެވެ.
"...ޗައިނާގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި ޗައިނާ ކުރިއަށް ދާނެ. އެހުވަފެނަކީ ތަރައްގީއާއި އެއްބާރުލުމާއި ކާމިޔާބީއާ މެދު ދެކޭ ހުވަފެނެއް. އަދި އެހުވަފެނަކީ ހަމަ އެކަނި ޗައިނާމީހުންގެ ފާގަތިކަމާ މެދު ދެކޭ ހުވަފެނެއް ނޫން. ރާއްޖެވެސް ހިމެނޭ ގޮތުން އެހެން ހުރިހާ ގައުމެއްގެ މީހުންނާ މެދު ވެސް ދެކޭ ހުވަފެނެއް،" ފޫކާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާ އެނބުރި ރާއްޖެއަށް ވަޑައިގެންނެވީ ޗައިނާގެ ފޮރިން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ކޮންފަރެންސެއް ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ ޑިޕްލޮމެޓިކް ގޮތުން ޗައިނާއިން ކުރާ މަސައްކަތުގައި ހާސިލުކުރަން ޖެހޭ އަސާސީ ލަނޑުދަނޑިތަކާއި އުސޫލުތަކާއި ސްޓްރެޓެޖީތައް އެ ކޮންފަރެންސްގައި ޗައިނާގެ އިސްވެރިން ހާމަކުރެއްވި ކަމަށެވެ. "ވިން ވިން ކޯޕަރޭޝަން" އާއި "ޗައިނީޒް ޑްރީމް" އަކީ އެ ކޮންފަރެންސްގެ ޝިއާރުތަކުގެ ތެރޭގައި ހިމެނޭ ދެ ޝިއާރު ކަމަށެވެ.