03 Dec 2014, 16:41
ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާޙު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލް ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 66 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެ ބިލް ފާސް ކުރުމާ ދެކޮޅަށް 25 މެމްބަރުން ވޯޓު ދެއްވި އެވެ.
މާލީއްޔަތު ގާނުނުގެ ފަސް ވަނަ މާއްދާ އަށް ސައުދު ހުށަހަޅުއްވާފައިވާ އިސްލާޙުގައި ބުނެފަައިވާ ގޮތުން ސަރުކާރުގެ ވުޒާރާއަކުން ދައުލަތުގެ ނަމުގައި ލޯނެއް ނަގާ ކަމުގައިވާ ނަމަ މަޖިލީހުން ރުހުން ހޯދުމުގެ ބަދަލުގައި އެކަމުގެ ހުއްދަ ހޯއްދަވަން ޖެހޭނީ މާލީ ވަޒީރުގެ އަރިހުންނެވެ.
މާލީއްޔަތު ގާނޫނުގެ ދަށުން ކުރިން ބުނެފައިވާ ގޮތުން ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ލާޒިމެވެ. މާލިއްޔަތު ގާނޫނުގައި އެގޮތަށް ލާޒިމްކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން މަޖިލީހަށް ހުށަހެޅި އިސްލާހަކަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުންނެވެ.
ޑީއާރްޕީ އާއި ޕީއޭގެ އިތުރުން މިނިވަން މެމްބަރުންގެ އަގުބަލިއްޔަތުން މާލިއްޔަތު ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްވެ، ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ އޯގަސްޓް 26، 2010 އެވެ. އޭގެ ކުރިން މާލިއްޔަތު ގާނޫނުގެ ދަށުން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ލޯން ނަންގަވާފައި ވަނީ މަޖިލީހުގެ ހުއްދައެއް ނެތި އެވެ. ދައުލަތުން އޭރު ދަރަންޏަށް ފައިސާ ނަގަން ޖެހެނީ މާލީ ވަޒީރުގެ އަރިހުންނެވެ.