މާލޭ އާ ހާބަރު ސަރަހައްދުން ބިން ވިއްކުން މުނިސިޕަލްޓީގެ މައްޗަށް މަނާ ކުރުމަށް އިދިކޮޅު އިއްތިހާދުން ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
މައްސަލަ މިއަދު ސިވިލް ކޯޓުން ބޭރުކޮށްލީ އެ މައްސަލައިގެ އަޑު އެހުން ނިމިި ހުކުމާ ހަމައަށް ވެސް ގޮސްފައި ވަނިކޮށެވެ. މައްސަލަ ކޯޓުން ބޭރުކޮށްލީ ދައުވާ ކުރާ ފަރާތް މިއަދު ކޯޓަށް ހާޒިރު ނުވެގެނެވެ. މި އަދު މައްސަލަ ބާއްވާ ގޮތަށް ތަވާލުކޮށްފައި އޮތީ 3:00 ޖަހާއިރަށެވެ.
ދައުވާ ކުރާ ފަރާތް ހާޒިރު ނުވެގެން ކޯޓް މިއަދު މައްސަލަ ބާތިލުކޮށްލި ނަމަވެސް އިއްތިހާދުގެ ވަކީލު އަލީ ހުސައިން ވިދާޅުވީ ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

މާލޭ މުނިސިޕަލްޓީން ހުޅުވައިލި ބިން ވިއްކުމުގެ ނީލަން ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ އިދިކޮޅު އިއްތިހާދުން ހުށަހެޅި ފަރާތުން ބިންވިއްކުން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދުމުން ނެވެ.
އެ އަމުރުގައި ބުނަނީ މައްސަލަ ނުނިމެނީސް ބިން ވިއްކުމަކީ "އެކަމުގެ އެންމެ އަދުލުވެރި ގޮތް ކަމުގައި ނުވާތީ އާއި އެ ފުރުސަތު ދެވިއްޖެ ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ވެދާނެ ކަމަށް ޝަރީއަތަށް ފެންނާތީވެ މި މައްސަލައިގައި ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން" މާލޭ ހުޅަނގު ސަރަހައްދުން ބިން ވިއްކުމުގެ މުއާމަލާތެއް ނުކުރުމަށެވެ.
މާލޭ އާ ހާބަރު ސަރަހައްދުން މިހާތަނަށް ހަތަރު ބިމެއް ވަނީ 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އަށް ވިއްކައިފަ އެވެ.