ޖަލުގައި މަސްތުވާތަކެތި ގެންގުޅުނު ގައިދީއަކު ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހއ. ހޯރަފުށީ ރަތްބަގީޗާގޭ އަހްމަދު ޝީބާންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ 8:40 އެހައިކަންހާއިރު ޖަލުގެ ގައިދީންނަށް ކާންދީ ނިމިގެން އޭނާ ގޮޅިއަށް ވެއްދުމުގެ ކުރިން ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ އަތުގައި އޮތް ބިސްކޯދު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނުމުންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ އޭނާގެ އަތުގައި އޮތް ބިސްކޯދު ޕެކެޓުން ފެނުނު މަސްތުވާތަކެއްޗަކީ އެހެން ގޮޅިއެއްގައި އޮތް ގައިދީއަކަށްދޭން މީހަކު އޭނައާ ހަވާލުކޮށްފައިވާ އެއްޗެއް ކަމަށް ޝީބާން ބުނިނަމަވެސް އެކަން އޭނާ އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ.