03 Dec 2014, 19:04
ޗައިލްޑް އެޑްވޮކޭސީ ނެޓްވޯކް އޮފް ޑިސްއެބިލިޓީ އޯގަނައިޒޭޝަންސް (ކޭންޑޫ) ގެ ނަމުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކުގެ ނެޓްވޯކްގެ އަންނަ އަހަރުގެ ހަރަކާތްތައް ޗައިނާ އެމްބަސީން ސްޕޮންސާ ކޮށް އެނެޓްވޯކަށް ފައިސާގެ އެހީއެއް ދީފިއެވެ.
ޗައިނާ އެމްބަސީގައި އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޭންޑޫގެ ހަރަކާތްތަކަށް ޗައިނާ ސަރުކާރުން ދިން 41712 އެމެރިކާ ޑޮލަރުގެ ޗެކް އާކްގެ މެނޭޖިން ޑައިރެކްޓަރު ހައުލާ އަހުމަދު ދީދީއާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންފޫކާން އެވެ.
މިއެހީގެދަށުން ކެން ޑޫގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެތެރޭގައި، ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ނުކުޅެދުންތެރިކަމާމެދު މުޖުތަމަޢްގެ ހޭލުންތެރިކަން އިތުރުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ބޭނުންވާ މަޢްލޫމާތު ހޯދުމަށް މަގުފަހިކޮށްދިނުމާއި މިދާއިރާގައި ޚިދްމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ފަންނީ ތަމްރީނާއި ތަޢްލީމް ފޯރުކޮށްދިނުން ހިމެނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ތައްޔާރުކޮށްފައިވާ ކުރު ޑޮކިއުމެންޓްރީތަކުގެތެރެއިން ފުރަތަމަ ޑޮކިއުމެންޓްރީވަނީ މިއަދު ޗައިނާ އެމްބަސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ލޯންޗްކޮށްފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކާ ބެހޭ ގޮތުން ހިޔާލު ބަދަލުކުރުމަށާއި ހޭލުންތެރިކަން އުފެއްދުމަށާއި އެކުދިންގެ ހައްގުގައި ވަކާލާތު ކުރުމަށް ކޭންޑޫ އިން ޕްލެޓްފޯމެއް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު ހިންގާނެ ހަރަކާތްތަކުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތަކާއި މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި ޑޮކިއުމެންޓްރީތައް އުފެއްދުމާއި ވެބްސައިޓެއް ލޯންޗްކުރުން ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެހަރަކާތްތަކަށް އެހީތެރިވެވަޑައިގެން، ކޭންޑޫ އުފެއްދުމުގައި ބައިވެރިވެވަޑައިގެންނެވޭތީ އުފާ ކުރައްވާ ކަމަށެވެ.
"... ކޭންޑޫއަށް އެހީތެރިވެ، އަދި ބައިވެރި ވެވޭތީ އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް އުފާވެފައި،" ފޫކާން ވިދާޅުވިއެވެ