03 Dec 2014, 15:51
ބަޣްދާދު (ޑިސެމްބަރު 3): އިރާގުގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަކަށް އީރާނުން ވައިގެ ހަމަލާތަކެއް ދީފި ކަމަށް ހަބަރު ލިބިއްޖެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާނުގެ އަސްކަރީ ޖެޓްތަކުން ހަމަލާތައް ދީފައިވަނީ އިރާގުގެ ދިޔާލީ ގަވާނޭޓްގައިވާ އައިއެސްގެ މަރުކަޒުތަކަށެވެ. އީރާނުން މިހަމަލާތައް ދިނީ އިރާގުގެ ވައިގެ ސިފައިންނާ ވިލަރެސްކޮށްގެން ކަމަށާއި މިހަމަލާތައް ދިނުމުގައި އީރާނުން ބޭނުން ކުރީ އެފް 4 މަރުކާގެ ފައިޓާ ޖެޓްތަކެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވަނީ އިރާގުގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަކަށް އީރާނުން ވައިގެ ހަމަލާތަކެއް ދިން ކަމަށް ބުނާ ރިޕޯޓްތަކަކީ ދޮގު ރިޕޯޓްތަކެއް ކަމަށް ނުބެލެވޭ ކަމަށް ބުނެފަ އެވެ. ނަމަވެސް މިއީ އެމެރިކާއާ ގުޅިގެން އަދި އެމެރިކާ އަށް ކުރިން އެނގިގެން ވެސް ދިން ހަމަލާތަކެއް ނޫން ކަމަށް ޕެންޓަގަންގެ ތަރުޖަމާން އެޑްމިރަލް ޖޯން ކެރީ ވިދާޅުވި އެވެ.
އީރާނުގެ ވައިގެ ސިފައިން މިހަމަލާތައް ދިން ކަން އެގައުމުގެ ސަރުކާރުން ކަށަވަރުކޮށެއް ނުދެ އެވެ. ނަމަވެސް އީރާނުގެ ސިފައިންގެ ވެރިޔާގެ ނައިބު ޖެނެރަލް މަސްއޫދު ޖަޒާއިރީ ވިދާޅުވީ އިރާގާ ގުޅޭ އެއްވެސް ކަމެއްގައި އީރާނުން އެމެރިކާއާ މަޝްވަރާ ނުކުރާނެ ކަމަށާއި އިރާގަށް މިހާރު ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ އެމެރިކާ ކަމަށް އީރާނުން ދެކޭ ކަމުގަ އެވެ. (ބީބީސީ)