ބްރަސަލްސް (ޑިސެމްބަރު 3): އިރާގާއި ސީރިޔާގެ ބޮޑު ބައެއްގައި އިސްލާމީ ހިލާފަތެއްގެ ނަމުގައި ހަރަކާތްތެރިވަމުންދާ އައިއެސް ޖަމާއަތް ބަލިކޮށްލުމަށް އަހަރުތަކެއް ނަގާފާނެ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެ އެވެ.

އެމެރިކާ އިސްވެ އޮވެގެން އައިއެސްއާ ދެކޮޅަށް އެކުލަވާލާފައިވާ އިއްތިހާދުގައި ހިމެނޭ 60 ގައުމުގެ މަންދޫބުން ހިމެނޭ ގޮތަށް ބްރަސަލްސްގައި ހުންނަ ނޭޓޯގެ މައިމަރުކަޒުގައި މިއަދު ފެށި ބައްދަލުވުމެއް އިފްތިތާޙު ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުން ކެރީ ވިދާޅުވީ އައިއެސްގެ ނުރައްކާ ހުރިހާ ގައުމުތަކަކަށް ވެސް ވަރަށް ބޮޑުކަމުގަ އެވެ. ނަމަވެސް އައިއެސްގެ އަނިޔާވެރިކަން އެންމެ ބޮޑަށް ތަހައްމަލު ކުރަމުން ގެންދަނީ އިރާގާއި ސީރިޔާގެ ރައްޔިތުން ކަމަށް ކެރީ ވިދާޅުވި އެވެ.

ކެރީ އިތުރަށް ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިން އަވަހަށް ބަލިކުރުމަކީ ބިންމަތީގައި ހަނގުރާމަކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ވައިގެ ހަމަލާތަކުގެ އަސަރު އައިއެސް އަށް ކުރަމުންދާ ކަމުގަ އެވެ. އިރާގާއި ސީރިޔާގެ އިތުރު ރައްތައް ހިފައި އައިއެސްގެ ހިލާފަތުގެ ސަރަހައްދު ފުޅާނުކުރެވެނީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ވައިގެ ހަމަލާތަކުގެ ސަބަބުން ކަމަށާއި އައިއެސްގެ ކުރިއެރުން ވަރަށް ބޮޑަށް ހުއްޓުވިއްޖެ ކަމަށް ކެރީ ވިދާޅުވި އެވެ. މިބައްދަލުވުމުގައި އަރަބި އިސްލާމީ އެތައް ގައުމެއްގެ ހާރިޖީ ވަޒީރުންނާއި އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއައްބާދީ ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އިރާގު ހަލާކުކޮށްލައި ޓެރަރިސްޓުންގެ ހާއްޔަކަށް އިރާގު ހަދައި އައިއެސް ފަދަ ބަދަލު ހިފުމުގެ ރޫހުގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް އިރާގުގައި އުފެދިގެން ދިޔައީ އެމެރިކާ އިރާގަށް އަރައި ހިންގި އަނިޔާވެރި އަދި ހަރުކަށި އަމަލުތަކުގެ ސަބަބުން ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް އިރާގު ހަލާކުކޮށްލުމުގައި އެމެރިކާ އަދާކޮށްފައިވާ އަނިޔާވެރި އިސްތިއުމާރީ ދައުރާ ބެހޭ ގޮތުން ކެރީ އެއްޗެއް ވިދާޅެއް ނުވެ އެވެ. މީގެ އިތުރުން ސޫރިޔާގެ ވެރިކަމުގެ ނިޒާމުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާތައް ނުހުއްޓުވެނީސް އައިއެސް ބަލިކޮށް ނުލެވޭނެ ކަމަށާއި އައިއެސް އަކީ ސޫރިޔާ ސަރުކާރުން ހިންގާ އަނިޔާވެރި އަމަލުތަކަށް ބަދަލުހިފުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)