03 Dec 2014, 15:43
ކީޕަރުންނަށް ދުނިޔޭގެ ފެންވަރުގައި އެވޯޑެއް ހާސިލް ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި، ކީޕަރަކު އެވޯޑެއް ހާސިލް ކުރަންޏާ ކުރަން ޖެހޭނީ ވަރަށް އާދަޔާ ޚިލާފު ކަމެއް ކަމަށް އިޓަލީގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޖިއާންލުއީޖީ ބަފޮން ބުނެފިއެވެ.
މިފަހަރުގެ ބެލެންޑޯ އެވޯޑަށް ނޮމިނޭޓް ވެފައިވާ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާއާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ކީޕަރަކު އެ މަގާމަށް ނޮމިނޭޓް ވުމަކީ ވަރަށް އާދަޔާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެފަދަ އެވޯޑެއް ކީޕަރަކަށް ލިބޭނީ އެހެން ކުޅުންތެރިންނަށްވުރެ ތަފާތު ބޮޑު ހުނަރުވެރިކަމެއް ދައްކައިން ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ގިނަ ފަހަރަށް އެފަދަ އެވޯޑެއް ލިބޭނީ އެންމެ ގިނަ މެޗު ކާމިޔާބު ކުރި ކުޅުންތެރިއަކަށް، ނޫނީ އެ ކުޅުންތެރިއެއްގެ ޓީމް މޮޅުވުމަށް އެންމެ ބޮޑަށް ފަހި ކޮށްދިން ކުޅުންތެރިއަކަށް ކަމަށެވެ.
"މިހާރުގެ ފުޓްބޯޅައިގައި ކީޕަރަކަށް އެފަދަ އެވޯޑެއް ހާސިލް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. ކީޕަރުންނަކީ އެހެން ކުޅުންތެރިންނާ ވަރަށް ތަފާތު ބައެއް. ކީޕަރަކަށް އެފަދަ ކާމިޔާބީއެއް ހޯދަން އެހެން ކުޅުންތެރިންނަށްވުރެ ތަފާތު ހުނަރެއް ދައްކަން ޖެހޭ. ފަހަރެއްގައި ހަތަރު މެޗުގައި ޕެނެލްޓީއާއި ހަމައަށްގޮސް އެއިން ކޮންމެ މެޗެއްގައި ހުރިހާ ޕެނަލްޓީތަކެއް ކީޕަރު ދިފާއު ކޮށްފިނަމަ އޭނާއަށް ބެލެންޑޯ ލިބުން އެކަށީގެންވޭ،" ބަފޮން ބުންޏެވެ.
ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ބެލެންޑޯ އެވޯޑި ހާސިލުކޮށްފައިވާ ހަމައެކަނި ގޯލްކީޕަރަކީ ރަޝިއާގެ ލެވް ޔާޝިން އެވެ. އޭނާ މި އެވޮޑް ކާމިޔާބު ކުރީ 1963 ގައެވެ. މި އެވޯޑަށް ބަފޮން 2006 ގައި ނޮމިނޭޓްވި އިރު، އެ އަހަރުގެ އެވޯޑް ކާމިޔާބު ކުރީ އޭނާއާ އެކު އިޓަލީގެ ގައުމީ ޓީމަށް ކުޅުނު ފެބިއޯ ކަނަވާރޯ އެވެ. އެފަހަރުގެ އެވޯޑްގައި އޭނާއަށް ދެވަނަ މަގާމް ލިބުނު އިރު، ބަފޮން ބުނީ އެދުވަހު އޭނާ އުފާވިކަމުގައި ވިޔަސް، ކުޅިވަރުގައި ދެވަނަ މަގާމަކީ އެކަކުވެސް ގިނަ ފަހަރަށް ހަނދާން ހުންނާނެ މަގާމެއް ނޫން ކަމަށެވެ.
"ކުޅިވަރުގައި ދެވަނައަކީ އެހާ މުހިންމު މަގާމެއް ނޫން. ދެވަނައަށް ދާ ފަރާތަކީ ގިނަ ފަހަރަށް އެކަކުގެވެސް ހަނދާނުގައި ހުންނާނެ ކަމެއް ނޫން. އެހެންނަމަވެސް އެފަހަރުގެ ދެވަނަ ލިބުމަކީ އަހަރެން ވަރަށް ފަޚުރުވެރިވާ ކަމެއް. އެފަހަރުގެ ދެވަނައަށް ހޮވުމަކީ ޓީމަށްޓަކައި އަހަރެން ކޮށްދިން ބުރަ މަސައްކަތާ ހޯދި ކާމިޔާބީތަކުގެ ނަތީޖާ. ނަމަވެސް ފެބިއޯއަށް އެފަހަރުގެ އެވޯޑު ހައްގު،" ބަފޮން ބުންޏެވެ.
ބެލެންޑޯ އެވޮޑަށް މިފަހަރު އިޓަލީގެ ކުޅުންތެރިއަކު ވާދަ ކޮށްފައި ނުވާއިރު، ބަފޮން ބުނީ އެއީ އިޓަލީގެ ފުޓްބޯޅައިގެ ފެންވަރު ދަށްވަމުން ދާކަމުގެ ހެއްކެއް ކަމަށާއި، މިކަމާ ދޭތެރޭ އިޓަލީން ވިސްނަން ޖެހޭ ކަމަށެވެ. އިޓަލީ ޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ ބަފޮން ވަނީ އެ ގައުމުގެ ފުޓްބޯޅައިގެ ފެންވަރު ދަށްވަމުން ދާ ސަބަބު ދެނެގަނެ، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގޮވާލާފައެވެ.