އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ނިންމައިފި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިމްޕޯޓް ޑިއުޓީގެ ބިލު ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑިއުޓީ ބޮޑުކުރާ ގޮތަށެވެ.

ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ ކޮމިޓީން އެގޮތަށް ނިންމެވީ ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން އެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރާއި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްއާއި އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން ގެނެސް މިބިލާއި ގުޅޭ ގޮތުން ވަރަށް ބްރޯޑްކޮށް ވާހަކަދެއްކިން" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިންގެ ކަންބޮޑުވުމަކީ ކާޑުގެ ބާވަތުން ޑިއުޓީ ނަގަން ފަށާތީ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ދިވެހިންނަކަށް ގެއްލުމެއް ނުވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ. ހަމައެއާއެކު ކާޑުގެ އަގު މާބޮޑަތަން ބޮޑުވެގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަބްސިޑީ ލިބެންޖެހޭ ދިވެހިރައްޔިތުންނަށް ސަބްސިޑީ އަޅުގަނޑުމެން ދޭނަން. ހަގީގަތުގައި މިކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާވެގެން ދާނެތައް ފެނިގެންދާނެ،" ހަލީލް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ރާއްޖެއަށް އެތެރެ ކުރާ ކޮންމެ ސިނގިރެޓަކުން 1.25 ރުފިޔާގެ ޑިއުޓީއެއް ނަގަން ޖެހޭނެ އެވެ. ނަޝީދުގެ ސަރުކާރުގައި ފެށިގެން ރާއްޖެއަށް އެތެރެ ކުރާ ކޮންމެ ސިނގިރެޓަކުން ނަގަމުން އަންނަނީ 90 ލާރިގެ ޑިއުޓީކެވެ. އޭގެ ކުރިން ނަގާފައި ވަނީ 30 ލާރީގެ ޑިއުޓީ އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ބިލުގައި ބުނެފައިވާ ގޮތުން ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން 200 ޕަސެންޓު ޑިއުޓީއެއް ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.

ބިލުގައިވާ ގޮތުން ކޮސްމެޓިކްސްގެ ބާވަތްތަކުން ފަސް ޕަސެންޓުގެ ޑިއުޓީ ނަގަން ޖެހެ އެވެ. އަދި ލަގްޒަރީ ކޮސްމެޓިކްސްގެ ބާވަތްތަކުން 20 ޕަސެންޓުގެ ޑިއުޓީއެއް ނަގުން ލާޒިމެވެ. އަދި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހީގައި ހަރުކޮށްފައި ހުންނަ ބިއްލޫރި އާއި އެ އުޅަނދުތަކުގައި ބިއްރޫލިން ތައްޔާރުކޮށްފައި ތަކެތިން 50 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ބިލުގައި ބުނެފައިވެ އެވެ. އަދި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހީގެ އިންޖީނާއި އޭގެ ބައިބައިން 50 ޕަސެންޓް ޑިއުޓީ ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.