އަންނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރުގެ ގްރީން ޓެކްސެއް ނަގަންޖެހޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް "މުޅި މަޖިލީހުގެ ކޮމެޓީ" ފާސްކޮށްފި އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ ގްރީން ޓެކްސް، ނަގަން ޖެހޭ ގޮތަށް ލާޒިމް ކުރީ މަޖިލީހުގެ ހުރިހާ މެމްބަރުން ހިމެނޭ އިއްޔެ މަޖިލީހުގެ ތަޅުމުގައި ބޭއްވި ބައްދަލުވުމުގަ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ރިޔާސަތުގައި އިންނެވި ބައްދަލުވުމުގައި އެ ބިލް ކޮމެޓީން ފާސް ކުރީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މުޅި މަޖިލީހުގެ ކޮމެޓީން އިސްލާހުކޮށްފައިވާ ބިލުގައި ބުނެފައިވާ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓުން ގްރީން ޓެކްސް ދައްކަން ޖެހޭނީ އެ ޓޫރިސްޓަކު ހުންނަ ތަނަކަށެވެ. އަދި ޓޫރިސްޓުން ދައްކާ ގްރީން ޓެކްސް ހަވާލު ކުރަންޖެހޭނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ކަަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި ގްރީން ޓެކްސް ނެގުމާ ބެހޭ އުސޫލުތައް ކަނޑައަޅަން ވަނީ އެ އޮތޯރިޓީން ކަަމަށް އިސްލާހު ކުރި ބިލުގައިވެ އެވެ.

ގްރީން ޓެކްސް ނެގުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ޓޫރިސްޓުން ތިބޭ ތަންތަނުން ގްރީން ޓެކްސް ދައުލަތަށް ނުދައްކާނަމަ އެތަނެއް ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ޖޫރިމަނާއާއެކު ގްރީން ޓެކްސް ނުދައްކައިފިނަމަ އެތަނަކަށް ދީފައިވާ ހުއްދަ ބާތިލް ކުރުމުގެ އިހްތިޔާޒު ޓޫރިސްޒަމް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.