ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް މ. ވޭވަށް ބުލްބުލާގޭ މުޙައްމަދު ޝަކީލާއި ހުޅުމާލެ އެންދެރި 7 އަޙްމަދު ސުލައިމާން އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ވަނީ ރައީސް ޔާމީންގެ ކުރިފުޅުމަތީގައި މަގާމްގެ ހުވާ ކުރައްވާފައެވެ. އެ ދެ ބޭފުޅުންނަށް ހުވާ ލައިދެއްވީ ޖުވެނައިލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަހްމަދު ޝަކީލެވެ.

ހުވާކުރެއްވުމާ އެކު ރައީސް ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ ފަތްކޮޅު އެ ދެ ބޭފުޅުނަށް ހަވާލުކުރައްވާފައެވެ.

ޝަކީލާއި ސުލައިމާން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ. އެ ދެ ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 54 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓުދެއްވީ 16 މެމްބަރުންނެވެ. އެ ދެބޭފުޅުންނަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ 75 ޕޮއިންޓަށް ވުރެއް މަތިން މާކުސް ލިބިވަޑައިގެންފައެވެ. އެގޮތުން ސުލައިމާނަށް 83 ޕޮއިންޓް ލިބިވަޑައިގެންފައި ވާއިރު ޝަކީލަށް ލިބިވަޑައިގަތީ 86 ޕޮއިންޓެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި އަނެއް ދެ ނަންފުޅަކީ ދަފްތަރު ނަންބަރު 1548 މުހައްމަދު ޒާހިދުއާއި އދ. މަހިބަދޫ ސަނޯރާމާގޭ ފާތިމަތު މުނާ އެވެ. އެ ދެބޭފުޅުންގެ ތެރެއިން މުނާއަށް ލިބިވަޑައިގަތީ 66 ޕޮއިންޓެވެ. އަދި ޒާހިދަށް ލިބިވަޑައިގަތީ 67 ޕޮއިންޓެވެ.

އެކޮމިޝަންގެ މެމްބަރުކަމަށް ރައީސް ޔާމީން ވަނީ މި މަހުގެ 24ވަނަ ދުވަހު ގއ. މާމެންދޫ އަލިވާގޭ އަމްޖަދު މުސްތަފާ އައްޔަން ކުރައްވައިފަ އެވެ. އަމްޖަދު އެ މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުން އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމަށް ރުހުން ދިނުމުންނެވެ.

އެ ކޮމިޝަނުގައި ދެން ހިމެނިވަޑައިގެންނަވާ މެމްބަރަކީ އެ ކޮމިޝަންގައި ކުރިން އިންނެވި އިބްރާހިމް ވަހީދު (އޮގަރު) އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިއަށް އައްޔަން ކޮށްފައިވާ އިސްމާއިލް ހަބީބު އަބްދުއްރަހީމެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.