ދައުލަތުގެ މީޑިޔާ މިނިވަން ކުރުމަށް ގޮވާލައި އަޑު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އިވިވަޑައިގަންނަވާ ހިސާބަކަށް މިރޭ ގެންދާނެ ކަމަށް ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ކަމުގައިވާ އެމްއެންބީސީ ވަން އާއި ދިވެހިރާއްޖޭގެ އަޑުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަ ހަމަ ފުރުސަތުތަކެއް ނުދޭކަމަށް ބުނެ "ދައުލަތުގެ މީޑިޔާ ރައްޔިތުންގެ އަތްމައްޗަށް" މި ނަމުގައި މިރޭ ބާއްވާ މުޒާހަރާއާ ގުޅޭ ގޮތުން މަހުލޫފު ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމެއްނެތި ހިތަށް އެރިހާގޮތަކަށް ދައުލަތުގެ މީޑިޔާ ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިރޭގެ މުޒާހަރާއަކީ ދައުލަތުގެ މީޑިޔާ މިނިވަން ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށާއި ރައީސް ނަޝީދުގެ ކަންފަތް ޕުޅަށް މިރޭ އެ އަޑުއިއްވަވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
~
"މިހާރު ދައުލަތުގެ މީޑިޔާ އޮންނަނީ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ މެޝިނަކަށް ވެފަ. މީގެ ކުރިން މިކަން ހުއްޓުވުމަކަށް އަޅުގަނޑުމެންނަށް އެދެވޭ ގޮތެއްގަ މަސައްކަތް ކުރެވިފަ އެއް ނެތް. އެކަމަކު މިރޭ އެޅިގެން މިދަނީ އެކަމުގެ ފުރަތަމަ ފިޔަވަޅު،" އޭނާ ވިދާޅުވި އެވެ.

މިހާރު މިސްރުގައި ހިނގަމުންދާ މުޒާހަރާތަކުން އިބުރަތް ހާސިލްކޮށް މި ގައުމަށްވެސް ބަދަލެއް ގެނައުމުގެ ވަގުތު ޖެހިއްޖެކަން ފާހަގަކުރައްވަމުން މަހުލޫފު ވިދާޅުވީ، މިރޭގެ މުޒާހަރާ ކުރިއަށްގެންދާނީ ސުލްހަވެރިކޮށް ކަމަށެވެ. އަދި މުޒާހަރާކުރުމަކީ ގާނޫނުން ލިބިދޭ ހައްގަކަށްވާއިރު، މިރޭ ބާއްވާ މުޒާހަރާއަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ކަންވެފައި ހުރިގޮތް އިނގޭނެ. އަޅުގަނޑުމެން މުލިޔާގެ ކައިރިއަށް ގޮސްފިއްޔާ ކަރުނަގޭސް ޖަހާނެ. އެކަމަކު މަޖިލީހުގެ މެންބަރުން ހިސޯރުކޮށްގެން އެމްޑީޕީން އުޅުނުއިއިރު އެކަމާ އަޅައިވެސް ނުލައި. އަޅުގަނޑުމެންނަށް ލިބިގެންވާ ހައްގެއްގެ ބޭނުން އަޅުގަނޑުމެން މިކުރަނީ. މިކަމަށް ހުރަހެއް ނޭޅޭނެ،" މަހުލޫފު ވިދާޅުވި އެވެ.

މިރޭ 8:45 ގައި އާޓިފިޝަލް ބީޗުން ފެށުމަށް ނިންމާފައިވާ އެ މުޒާހަރާގައި މިހާރު ޑިއާރުޕީން ވަކި ކޮށްފައިވައި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރާއި ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާއި އެކު ލޯކަލް ކައުންސިލް އިންތިހާބުގެ ހައްގުތަށް ގެއްލިފައިވާ އެތައް ކެންޑިޑޭޓުންވެސް ބައިވެރިވާނެ. އަދި މަޖިލީހުގެ މެންބަރުންނާއި ކައުންސިލް މެންބަރުންވެސް ބައިވެރިވާނެ. މިއީ ބޮޑު މުޒާހަރާއަކަށްވާނެ،" މަހުލޫފް ވިދާޅުވި އެވެ.