އިންގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ސްޓޯކް ސިޓީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، ލީގު ތާވަލްގައި މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނަ މަގާމަށް ޖެހިލައިފިއެވެ.

ރޭގެ މެޗާއެކު ޖެހިޖެހިގެން އެ ޓީމް ހޯދި ހަތަރުވަނަ ކާމިޔާބީ ގުނަމުންދާ ޔުނައިޓަޑް މުޅިއަކު 25 ޕޮއިންޓާއެކު މިހާރު ތާވަލްގެ ހަތަރުވަނައިގާ އޮތް އިރު، ތާވަލްގެ ދެވަނަ އަދި ތިންވަނައިގައި 27 އަދި 26 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އާއި ސައުތޭމްޕްޓަން އެވެ. މުބާރާތުގެ ތާވަލްގެ އެންމެ ކުރީގައި 33 ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ.

ރޭގެ މެޗުގައި ގޭމް ކޮންޓްރޯލް ކޮށްފައި ވަނީ ޔުނައިޓެޑެވެ. މި މެޗުގައި އެ ޓީމުން ސްޓޯކް ސިޓީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައި ވާއިރު، މެޗުގައި ޔުނައިޓަޑްގެ ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ 21 ވަނަ މިނެޓުގައެވެ. މި ލަނޑު ޔުނައިޓަޑަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ މޮރޭން ފެލާނީ އެވެ.

ޔުނައިޓަޑްގެ މި ލަނޑާއެކު ސްޓޯކް ސިޓީ ކުޅުން ރަނގަޅު ކޮށް، މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގައި ސްޓޯކް ސިޓީއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ސްޓީވަން ޒޮންޒީ އެވެ.

ޔުނައިޓަޑަށް މެޗުގައި ދެވަނަ ފަހަރަށް ލީޑް ނެގުނީ ދެވަނަ ހާފްގައެވެ. މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމްގެ ޖުއާން މާޓާ ކާމިޔާބުކޮށްދިން ލަނޑަށްފަހު، އިތުރު ލަނޑެއް ކާމިޔާބު ކުރުމަށް އެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. މެޗުގެ ފަހު ވަގުތުކޮޅުގެތެރޭގައި ލީޑް ފުޅާ ކޮށްލަން ޔުނައިޓެޑަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވީނަވަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެ ޓީމަށް ވަނީ އިތުރަށް ލީޑް ފުޅާ ކޮށްލެވޭގޮތް ނުވެފައެވެ.

މި މުބާރާތުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްފައި ވާއިރު، އެ ޓީމް ވަނީ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. އިންގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގައި ޔުނައިޓެޑް މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން އެ ޓީމް ވަނީ ހަތް މެޗު ކާމިޔާބުކޮށް، ހަތަރު މެޗު އެއްވަރު ކޮށްފައެވެ.