03 Dec 2014, 13:59
ބައިނަލްއަގްވާމީ ހޭންޑްބޯލް ފެޑަރޭޝަން (އައިއެޗްއެފް) އިން އިންތިޒާމްކޮށްގެން ދެކުނު އޭޝިއާގެ ގައުމު ތަކުގެ މެދުގައި ބާއްވާ އެ ފެޑަރޭޝަންގެ ޓްރޮފީއަށް ވާދަކުރާ މުބާރާތުގައި މިއަދު ރާއްޖެއާއި އިންޑިއާ ބައްދަލު ކުރަން އޮތް މެޗު ކެންސަލް ވެއްޖެއެވެ.
މި މެޗު ކެންސަލް ވެފައި ވަނީ މި މުބާރާތް ބާއްވާ ޕާކިސްތާނަށް ދިޔުމަށް އިންޑިއާ ޓީމަށް ވިސާ ނުލިބުމުންނެވެ. ރާއްޖޭގެ ހޭންޑްބޯލް އެސޯސިއޭޝަންގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ވިސާނުލިބުމުން އިންޑިއާ މިހާރު މުބާރާތުން ވަކިވެފައި ވާކަމަށެވެ.
މިކަމާ ގުޅިގެން އައިއެޗްއެފްގެ ސްޕޯޓްސް ޑިރެކްޓަރު ރިސްޓޯ ބޮސްކޯސްކީ ޓަކީ ވަނީ އިންޑިއާ ޓީމަށް ވިސާ ގެ ކަންކަން ހަމަޖައްސައިދިނުމަށް ޕާކިސްތާނުގެ ހޭންޑްބޯލް ފެޑަރޭޝަންގެ ފަރާތުން އެދިފައެވެ. ރިސްޓޯ ބުނީ މި މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވިސާ ހަމަޖައްސައިދިނުމަކީ މުބާރާތް ބާއްވާ ގައުމުގެ ހޭންޑްބޯލް ފެޑަރޭޝަންގެ ޒިންމާއެއް ކަމަށާއި، އެކަން ނުކޮށްފި ނަމަ އައިއެޗްއެފް ގަވައިދުގެ ދަށުން ޕާކިސްތާނުގެ ހޭންޑްބޯލް ފެޑަރޭޝަންއަށް ދޭންވާ އަދަބު ދޭނެ ކަމަށެވެ.
އައިއެޗްއެފްގެ އޭޝިއާ ސަރަހައްދުގެ ސެކްރެޓެރީ ޖެނެރަލް ހާޖީ މުހައްމަދު ޝާފިގް ވިދާޅުވީ އިންޑިއާ ފިޔަވައި މި މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމެއްވެސް މުބާރާތް ބާއްވާ ޕާކިސްތާނުގެ ފައިސަލްއާބާދަށް ގޮސްފައި ވާކަމަށެވެ. އަދި އިންޑިއާ ޓީމަށް ޕާކިސްތާނަށް ވަދެވިފައި ނުވަނީ ޕާކިސްތާނުގެ ދާޚިލީ މިނިސްޓްރީން އިންޑިއާ ޓީމުގެ ކުޅުންތެރިންނަށް ޕާކިސްތާނަށް ވަނުމުގެ ހުއްދަ ދީފައި ނުވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ފުރަތަމަ ހަމަޖެއްސި މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ ހޭންޑްބޯލް ފިރެހެން ޓީމް ފުރާފައި ވަނީ މި މިމަހުގެ ފުރަތަމަ ދުވަހު އެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި އިތުރު ހަ ގައުމަކުން ވާދަ ކުރާއިރު، އިންޑިއާ ޓީމަށް މި މުބާރާތުގައި ބައިވެރި ނުވެވުމުގެ ސަބަބުން މިހާރު މި މުބާރާތުގައި ވާދަ ކުރާނީ މުޅިއަކު ހަ ޓީމެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމުން ދެން ކުޅޭ މެޗު މާދަމާ ކުޅެން ހަމަޖެހިފައި ވާއިރު، މި މެޗުގައި ރާއްޖެ ބައްދަލުކުރާނީ އަފްޣާނިސްތާނާ އެވެ. އަދި މިމަހުގެ ފަސް ވަނަ ދުވަހު ރާއްޖެ ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ޔަމަން އާއެވެ.