03 Dec 2014, 12:34
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ( އެޗްއާރްސީއެމް) އިން ބުނެފިއެވެ.
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް، ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
"...އެހެން ނަމަވެސް އަދިވެސް މިފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، ފޯރުކޮށްދީ، މުޖުތަމައުގެ ކަންކަމުގައި ބައިވެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމާއަތްތަކުން އަދި އާއިލާތަކާއި އަމިއްލަ ފަރުދުން ގުޅިގެން އެމީހުންނަށް ގަދަރުވެރި ކަރާމާތްތެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ،" ބަޔާނުގައި ވެއެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ދައުލަތުން ޚާއްސަ އިނާޔަތްތަކާއި ފަހި ގޮތްތަކެއް ހަމަޖައްސައިދެމުން އަންނަ ކަން ފާހަގަ ކުރާ ކަމަށެވެ. އަދި އެމީހުންނަށް ހިތްވަރު ލިބޭ ފަދަ ކަންތައްތައް ތައާރަފްކުރަމުން އަންނަ ކަން ފާހަގަ ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ ބައެއް ވިޔަފާރި ތަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަސައްކަތްތެރިކަމުގެ ފުރުސަތު ފަހިކޮށްދޭ ކަމެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޚާއްސަ ފަރުވާއާއި ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބަޔާނުގައި ގޮވާލާފައި ވެއެވެ. އަދި އެފަދަ ހިދުމަތްތައް ދޭނެ ހާއްސަ ފަންނީ މީހުން އިތުރު ކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.
"...ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާއާއި ހިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދީ އެހިދުމަތްތައް ދޭނެ ހާއްސަ ފަންނީ މީހުން އިތުރުކުރުމަށް ގޮވާލަމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމު އުގެނުމަށާއި އިގުތިސާދީ ކަންކަމުގައާއި އިޖުތިމާއީ ކަންކަމުގައާއި މުވާސަލާތު ކުރުމަށާއި މައުލޫމާތު ލިބި ގަތުމަށް ޓެކްނޮލޮޖީގެ އެހީތެރިކަމާއި އެކު އެހެންމީހުންނެކޭ އެއްގޮތަށް ގަދަރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށ ދައުލަތަށާއި ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާނުގައި ވެއެވެ.