03 Dec 2014, 12:23
ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމުގައި ކޮންމެ ފަރުދަކު ވެސް ބައިވެރިވުމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ގޮވާލައްވައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ އަބުރުވެރިކަމާ އެކު ގައުމުގެ ކުރިއެރުމާއި ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވާ އަދި ފުރިހަމަ އަށް ހިއްސާވާ ބައެއް ކަމުގައި ވުމަކީ އަޅުގަނޑުމެން އެންމެން ވެސް ދެކެން ބޭނުންވާ މަންޒަރެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވަމުންދާ ތަފާތުކުރުންތަކަށް ނިމުމެއް ގެނައުން، އަޅުގަނޑުމެންގެ އުއްމީދަކީ މި މަސައްކަތުގެ ހިއްސާދާރަކަށް ގައުމުގެ ކޮންމެ ފަރުދަކު ވެސް ވުން، އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިސްކަމެއް ދިނުން،" އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ ނުކުޅެދުންތެެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރުމަށްޓަކައި ޚާއްސަ އެމްބެސަޑަރުންތަކެއް "ގުޑްވިލް އެމްބެސެޑަރުން" ގެ ނަމުގައި މިއަދު ތައާރަފް ކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ހޯދައިދިނުމަށާއި އެ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ކުރަމުން ގެންދާ މަަސައްކަތަކީ އެންމެން ގުޅިގެން ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި ރަމްޒުކޮށްދިނުން ކަމަށެވެ. އަދި ގުޑްވިލް އެމްބެސަރުންގެ މަސައްކަތުން ގިނަ ބަޔަކު މިކަމަށް އަހުލުވެރިކުރުވާ މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށް މަސައްކަތްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުރި މީހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަގުގައި ހާސިލްކޮށްދޭންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް އޭޖީ ދެއްވި އެވެ.
އެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކަށް ޚާއްސަ ދުވަހެއް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުން ގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކުގެ ވާހަކަދައްކައި އެކަން އެންމެންގެ ސަމާލު ކަމަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.
ސިދާތާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލައި އެފަަދަ ފަރާތްތަކަކީ އެހެން މީހުންނެކޭ ވެސް އެއްފަދައިން ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެ ހަމަހަމަކަން ހޯދައިދިނުމަކީ ހަމައެކަނި ސަރުކާރުން ނުވަތަ ކަމާ ގުޅޭ މުއައްސަސާތަކުން އެކަނި މަސައްކަތްކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނީ ފަރުދީ ފެންވަރެއްގައި ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކަމުގެ މާހިރުން ދަންނަވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ އެއް ހުރަހަކީ އަދި އެކަމެއް ތަހައްމަލްކޮށް އޯވާކަމް ނުކުރެވޭނެ ހުރަހަކީ ވެސް މީހުންގެ ވިސްނުމުގައި އެމީހުންނާ މެދު ބިންވަޅު ނެގިފައިވާ ހުރައްތައް، އަޅުގަނޑުމެންނަށް އިމާރާތްތަކުގައި ރޭޕް ވެސް ހަރުކުރެވިދާނެ، ހަރުފަރްތައް ނެގިދާނެ، ސައިން ލެންގުއޭޖުން އެއްޗެހި އިންޓާޕްރިޓް ވެސް ކުރެވިދާނެ، ފޮތްތައް ވެސް ބޭހާއި ނެރެވިދާނެ، އެހެންނަމަވެސް މީހުންގެ ވިސްނުމުގަައި ބިންވަޅު ނެގިފައި ހުރި ކަންކަން އެފަރާތްތަކުން އެބަދަލު ނުގެންނަހާ ހިނދަކު ބަދަލު ނުގެނެވޭނެ،" ޝިދާތާ ވިދާޅުވި އެވެ.