03 Dec 2014, 12:17
ގދ. ކެރަމިއްތާ އާއި އެ އަތޮޅު މާރެހާ ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯއްދައިދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެގްރިކަލްޗާ މިނިސްޓްރީގެ ބިޑުކޮމެޓީގެ ކުރީގެ މެމްބަރުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އިވެލުއޭޝަން ބޯޑުގެ ކުރީގެ މެމްބަރުން ކަމަށްވާ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މ. ސަމަރުބުލޫ އާދަމް މަނިކާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ށ.ފޭދޫ ދުނގެތިމާގޭ އަލީ އާމިރު އާއި އެމިނިސްޓްރީގެ އޭރުގެ ސީނިއާ ލީގަލް އޮފިސަރު ގ.ވަޒަންވެހި ފަރީޝް އާދަމާއި، އެމިނިސްޓްރީގެ ސީނިއާ ފީލްޑް އޮފިސަރު ބ. އޭދަފުށީ ދޮންދުނބުރިގޭ އަލީ ހާލިދު ޔޫސުފް ގެ މައްޗަށެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ މާރެހާ ކުއްޔަށް ދިނުމަށް ކުރި އިއުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ތިން ފަރާތަކުން ކަމަށެވެ. އަދި އިވެލުއޭޝަން ކޮމެޓީން އެތިން ފަރާތައް މާކުސް ދީފައިވީ ނަމަވެސް މައުލޫމާތު ކަރުދަހުގައި ބަޔާންކޮށްފައިވާ ބައިތަކަށް ރިއާޔަތްކޮށް، އެކޮމިޝަނުން ޕްރޮޕޯސަލްގެ ޝަރުތު ހަމަވޭތޯ ބެލިއިރު، މާރެހާ އަށް ހުށަހަޅާފައިވާ ތިން ޕްރޮޕޯސަލް ވެސް ޝަރުތު ހަމަނުވާ ކަމަށެވެ.
ކެރަމިއްތާ ކުއްޔަށް ދިނުމަށް ކުރި އިއުލާނާ ގުޅިގެން ފަސް ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، އިވެލުއޭޝަން ކޮމެޓީން ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތަކީ އެކަމަށް ޝަރުތު ހަމަވާ ފަރާތެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.