ބ. އޭދަފުށީ ފިހާރައެއް ކަމުގައިވާ ޔޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި އިއްޔެ ކުޅުން ދެ މެޗު އޭދަފުއްޓާއި ފެހެންދޫ ކާމިޔާބުކޮށް، ސެމީފައިނަލުން ޖާގަ އެ ދެ ޓީމް ކަށަވަރު ކޮށްފިއެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އޭދަފުއްޓާއި ދަރަވަންދޫ އެވެ. އެ މެޗު އޭދަފުށި ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަންޕު) ޖަހައިދިން ލަނޑާއެކު އެ ޓީމް ލީޑް ނަގާފައި ވާއިރު، އޭދަފުށި އެ ޓީމްގެ ލީޑް ފުޅާކޮށްލައިފައި ވަނީ މެޗުގެ 18 ވަނަ މިނެޓުގައި އޭދަފުށީ ޓީމްގެ ހުސައިން ޝިމާޒް ކާމިޔާބު ކޮށްދިން ލަނޑާއެކުއެވެ. މެޗުގައި އޭދަފުއްޓަށް ކާމިޔާބު ކުރެވުނު ތިން ވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޝިމާޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމްގެ އަހްމަދު ހަނީފު އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކުރީ ދޮންފަނު އާއި ފެހެންދޫ އެވެ. މި މެޗު ފެހެންދޫ ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެހެންދޫއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 74 ވަނަ މިނެޓުގައި ހަސަން ސާޖިދު އެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ސާޖިދު އެވެ.

މި ދެ މެޗުގެ ނަތިޖާއާއި އެކު، މި މުބާރާތުގެ ގްރޫޕް 'އޭ' ތާވަލްގައި އޭދަފުށި ވަނީ ހަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ މަގާމް ހާސިލް ކޮށްފައެވެ. އޭދަފުއްޓާއި ފެހެންދޫ ޕޮއިންޓްގެ ގޮތުން ހަމަހަމަ އިރު، އެ ޓީމް ތާވަލްގެ ދެވަނައިގައި އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

މި މުބާރާތުގައި ގްރޫޕް 'ބީ' ގެ ޓީމް ތަކުގެ މެދުގައި ކުޅޭ އެންމެ ފަހު މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އެވެ. މި މެޗުގައި ބައްދަލުކުރާނީ ކިހާދޫ އާއި ގޮއިދޫ އެވެ. މި ގްރޫޕްގައި ކަހާދޫ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވާއިރު، މާދަމާގެ މެޗުގެ އެއްވަރުވި ކަމުގައި ވިޔަސް ގޮއިދޫ ޓީމް ފައިނަލަށް ދާނެއެވެ. މުބާރާތުގައި ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.