ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި އެ ފަރާތްތަކުން ކުރާ ވިޔަފާރި އަށް ޑިސްކައުޓް ލިބޭ ކާޑެއް "ދަރުމަވެރިވާށެވެ" މި ޕްރޮގްރާމްގެ ދަށުން މިއަދު ތައާރަފްކޮށްފި އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުން އަންނަ ނުޅުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ކަލާފާނު ސްކޫލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކާޑު ތައާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް އެވެ.

"ދަރުމަވެރިވާށޭ" މި ޕްރޮގްރާމްގެ ދަށުން މިއަދު އަލަށް ތައާރަފްކުރި އެ ޑިސްކައުޓް ކާޑު ބޭނުން ކޮށްގެން މާލޭގެ 17 ފިހާރައަކުން ވިޔަފާރި ކުރުމުން ޑިސްކައުންޓް ލިބިގެންދާނެ އެވެ.

އެ ރަސްމިއްޔާތުގައި މިއަދު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށްޓަކައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ފަރާތުން ހާއްސަ ކާޑެއް ތައާރަފްކޮށްފަ އެވެ. އެ ކާޑުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ސިއްހީ ހިދުމަތްތަކާއި ދަތުރުފަތުރުގެ ހިދުމަތްތައް ހިމެނެ އެވެ. އެ ކާޑު ވެސް އިފްތިތާހުކޮށްދެއްވީ ރައީސްގެ އަނބިކަބަލުންނެވެ.

މޯލްޑިވިއަންގެ ފަރާތުން ފެށި ޕްރޮގްރާމް "އެހީތެރިޔާ"، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާހުކޮށްދެއްވަނީ---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވިއަންގެ ފަރާތުން މިއަދު ވަނީ "އެހީތެރިޔާ"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން މޯލްޑިވިއަނުން ޓިކެޓް ގަންނަ އެފަދަ ފަރާތްތަކަށް 15 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ޕްރޮގްރާމް ވެސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުންނެވެ.
ވަޒީފާގެ ހަދާނީ ލިޔުން ހަވާލުކުރައްވަނީ---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަދު ވަނީ 11 ފަރާތަކަށް ވަޒީފާގެ ހަދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އެ ފަރާތްތަކަށް ވަޒީފާގެ ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ. މިއަދު އެފަދަ ފަރާތްތަކަށް ވަޒީފާ ދިން ކުންފުނިތަކުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ އާއި އެސްޓީއޯ އާއި އެމްޓީސީސީ އަދި ތިލަފުށީ ކޯޕަރޭޝަން ހިމެނެ އެވެ.

މީގެއިތުރުން ނުކުޅެދުންތެެރިިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "ގުޑްވިލް އެމްބެސެޑަރުން" ގެ ނަމުގައި އެމްބެސަޑަރުންތަކެއް މިއަދުގެ އެ ރަސްމިއްޔާތުގައި ވަނީ ކަނޑައަޅާފަ އެވެ.
"ޑުގްވިލް އެމްބެސެޑަރުން" ކަނޑައަޅުއްވައި ލިޔުން ހަވާލުކުރައްވަނީ---ސަން ފޮޓޯ: ޔޫސުފް ސޮފްވާން