ގދ. ތިނަދޫގެ ނަމުގެ ކުރިއަށް "ހަވަރު" އިތުރު ކުރަން އެ ރަށު ކައުންސިލް އޮތީ ފެން ބޮވައިގެންފަ އެވެ. ހަވަރު ތިނަދޫއަކީ ކުރީގައި އެ ރަށަށް ކިޔައި އުޅުނު ނަމަކަށްވާތީ އެވެ. ހއ. ދިއްދޫ މީހުންނަށް ބޯންތަށި ކިޔުމަކީ އެރަށު މީހުން ރުހޭކަމެއް ނޫނެވެ. އދ. ދަނގެތީ މީހުންންނަށް ނިސްބަތްކޮށް ހަނދު ރުނބަޔަކަށްލީ ވާހަކަ ދެއްކުމަކީ އެ މީހުންނަށް ކުރާ ފުރައްސާރައަކަށްވެދާނެ އެވެ. ޒަމާންނުއްސުރެ ރަށްރަށުގެ ނަންތައް ކިޔާއިރު ދިމާވެފައިވާ ކޮންމެވެސް ހާދިސާއަކަށް ނިސްބަތްކޮށް މިފަދަ ވާހަކަތައް ދެކެވުމަކީ އާންމުކަމެކެވެ. އެއީ އެ ރަށްރަށު މީހުން އެހާ ރުހޭ ކަމަކަށް ނުވެ އެވެ. ނަމަވެސް ހޮޅުދޫ މީހުންގެ ހިޔާލު ތަފާތެވެ. އެކަމުގައި އެ ރަށުގެ ރައްޔިތުންގެ ފިކުރު ވަނީ އެއްގޮތްވެފަ އެވެ. ޒަމާނުއްސުރެ މި ރަށަށް ބިސް ހޮޅުދޫގެ ނަމުން ނަންދީފައިވާ އިރު މި ރަށުގެ ރައްޔިތުންނަށް އެއީ ޝަރެފެކެވެ.

ނ. ހޮޅުދުއަށް އިއްޔެ އަޅުގަނޑު ދަތުރެއް ކުރީމެވެ. އެ ރަށުގެ ނަރުދަމާގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ކަވަރު ކުރުމަށް "އަވަދިނެތި" އުޅުނީމެވެ. މަސައްކަތުގައި ރަށުގެ ނަންމުގެ ކުރިއަށް އިތުރު ކުރާ ބަހުގެ އަޑި ހޯދާލަން "އަތްފުނާ" އެޅީމެވެ.

ބިސްހޮޅުދޫގެ ނަމަކީ އެއްވެސް ދިވެއްސަކަށް އާ ވާހަކައެއް ނޫނެވެ. މިއީ އެތައް ޒަމާންތަކެއް ވެފައިވާ ވާހަކައަކަށްވުމުން ހޮޅުދުއަށް ބިސްހޮޅުދޫ ކިޔުނު ކަމަށް ބުނާ ދެތިން ގޮތަކަށް ވެސް ވާހަކަދެކެވެ އެވެ. ބިހުގެ ނަމުން ނަން މިހޮޅުދުއަށް ދެވިފައިވާއިރު ހޮޅުދޫއާއި ބިހާއި އޮންނަނީ "ހިތާހިތުގެ ގުޅުމެ"ކެވެެ. މިރަށުގައި އެކި މުނާސަބަތުގައި ކައްކާ ކެއްކުންތަކުގައި ވެސް ބިހުގެ ބާވަތެއް އެކުނުލެވިއްޖެ ނަމަ އެކަން ވެފައި ވަނީ "ހަޑި" ކަމަކަށެވެ.

"އާންމުކޮށް މާލޭ އަންނަ ބޭބޭފުޅުންނަށް ކައްކާއިރު ވެސް ބިސް ލައިގެން ކޮންމެވެސް އެއްޗެއް ކައްކާނެ، އާންމުކޮށް ބިސް ރިހަ ކައްކާނީ، މިއަދު ހަވީރު ސައިބޯ ގަޑީގައި ވެސް ބިސް ހުންނާނެ،" އެންވަޔަރަމަންޓް މިނިސްޓްރީ އިން އިއްޔެ ހޮޅުދުއަށް ދިޔަ ސަރުކާރުގެ ފަރާތްތަކަށް ކެއްކުމުގެ ކަންކަމުގައި ހަރަކާތްތެރިވި އަންހެނަކު ބުންޏެވެ.

މި ރަށު ރައްޔިތުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ކުކުޅު ބިހާއި މި ރަށު ރައްޔިތުންނާ އޮންނަނީ ޒަމާންވީ ލޯބީގެ ގުޅުމެކެވެ. އެކަމުގެ އެއްކަމަކީ މި ރަށުގެ ގޭގޭގައި ކައްކާ ކެއްކުންތަކާއި ހާއްސަ ހަފްލާތަކަށް ކައްކާ ކެއްކުމުގެ އިތުރުން ތުއްތު ދަރިފުޅަށް ކާން ދިނުމަށް ވެސް ބިސް އެއީ އެންމެ ފުރަތަމަ އިހުތިޔާރު ކުރާ އެއްޗަށްވުމުންނެވެ. ހަމައެއާކު މީހަކަށް ލަނޑެއް ދޭން ބޭނުން ވިޔަސް މިރަށުގައި ފުރަތަމަ ކުރާ ކަމަކަށް އޮންނަނީ ބިސް ޖެހުމެވެ. ބިސް ޖެހުމުގެ ކަންކަން އީދު ފަދަ އުފާވެރި ދުވަސް ދުވަހު މިރަށުގައި ވަރަށް ގަދަޔަށް ކުރާ ކަމަށް މިރަށުގެ ރައްޔިތުންގެ ވާހަކައިގެން އެނގެ އެވެ.

"މިހާރުވެސް މި ރަށުގައި ކެއުމެއް ހަދައިފިއްޔާ ކޮންމެހެން ވެސް ބިސް ބޭނުން ކުރާނެ، ހަމައެހެންމެ ބީރައްޓެއްސަކު ރަށަށް އަރައިފި ނަމަ ބިސް ޖެހުން އޮންނާނެ، މި ރަށުގައި ކެއުމުގެ ކަންކަމުގައި ތަފާތު ގޮތްގޮތަށް ބިސް ބޭނުންކުރާނީ ވެސް،" ހޮޅުދޫ ކައުންސިލްގެ ރައީސް މާޔިޒް މުހައްމަދު ވިދާޅުވި އެވެ.

ހޮޅުދޫއާއި ބިހާއި އޮތް ގުޅުމަކީ ވަކިކުރެވޭވަރަށްވުރެ ވަރުގަދަ ލޮއިބެކެވެ. ދެން އުފެދޭ އެއް ސުވާލަކީ ބިސް ހޮޅުދޫއަށް އެނަން ކިޔުނީ ކިހިނެއްތޯ އެވެ. މި ވާހަކައަކީ އެތައް ޒަމާންތަކެއް ވެފައިވާ ވާހަކައަކަށްވުމުން ތަފާތު ގޮތްގޮތަށް މިހާވަހަދެކެވެ އެވެ.

މިރަށުގެ 67 އަހަރުގެ އާދަމް އަލީ ބުނި ގޮތުގައި "އެ ހާދިސާއަކީ އަޅުގަނޑުމެން އުފަންވުމުގެ ވެސް މާކުރިން ހިނގި ކަމެއް" ކަމަށާއި ބިސްހޮޅުދޫ ކިޔުނުކަމަށް އޭނާއަށް އެނގިފައި ވަނީ އެޒަމާނުގައި އެރަށަށް މާލެއިން އައި ބަޔަކަށް މަރުހަބާ ކިޔުމުގެ ގޮތުން ފުރަތަމަ ކެއުމަކަށް ބިސް ދިން އިރު އެ ބިސް ކުނިވެފައި ހުރުން ކަމަށެވެ.

"އެއީ އޭގެ އަނެއް ރޭ ކައްކާފައި ހުރި ބިސްތަކެއް، އެބިސްތައް އެމީހުންނަށް ދިންއިރު ހުރީ ކުނިވެފައި، އެހެންވެ ފުރަތަމަކީ ވެސް ކުނިބިސް ހޮޅުދޫ އޯ ކިޔާ އަޑުއިވެނީ،" އާދަމް އަލީ ބުންޏެވެ.

މިއީވެސް މިރަށުގެ ބައެއް މީހުން އެ ހާދިސާ ކިޔާދޭގޮތެވެ. ނަމަވެސް މިރަށު ގިނަ މީހުންނާ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިރަށަށް ބިސް ހޮޅުދޫ ކިޔުނީ ކުރީ ޒަމާނުގައި އެރަަށަށް ރަދުން ވަޑައިގަތުމުން އެބޭފުޅުންނަށް މުޅިންވެސް ބިސް ހުރި ކޭމެއް އެރުުމުންމެވެ.

"އެކޭން ރަދުން އަށް ފެނުމުން ރަދުން ބުނި ކަމަށް ވަނީ އެހެންވީމަ މިއީ ބިސް ހޮޅުދޫތާއޭ، އެއީކަމަށްވަނީ މިނަން ކިޔުނުގޮތަކީ،" މިރަށު ކައުންސިލްގެ ރައީސް މާޔިޒް ވިދާޅުވި އެވެ.

ބިސް ހޮޅުދޫއަކަށްވީ ގޮތަކީ އެތައް ޒަމާން ތަކެއް ވެފައިވާ ވާހަކައަކަށް ވުމުން މި ވާހަކަ ދެތިންގޮތަކަށް ދެކެވުމަކީ މައްސަލައެއް ނޫނެވެ. މިރަށަށް މިކުރެވުނު ދަތުރުގައި އެނގުނުހާ ވެސް އެއްޗަކީ ހޮޅުދޫ އާއި ބިހާއި އޮތް ގުޅުމަކީ ވަރުދަގަ ލޯބީގެ ގުޅުމެއް ކަމަށެވެ. އާއެކެވެ. މިއީ ހިތާހިތުގެ ގުޅުމެކެވެ.