އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓަށް 18 އިސްލާހެއް ހުށަހަޅައިފި އެވެ.

މި 18 އިސްލާހުގެ ތެރެއިން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފާވަނީ 9 އިސްލާހެވެ. އަދި ޖުމްހޫރީ ޕާޓީން ހުށަހަޅައިފާވަނީ 9 އިސްލާހެވެ. އެމްޑީޕީގެ ފަރާތުން އެންމެ ގިނަ އިސްލާހު ހުށަހެޅުއްވީ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އެވެ. އަދި ޖުމްހޫރީ ޕާޓީން އެންމެ ގިނަ އިސްލާހު ހުށަހެޅީ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.

އެމްޑީޕީން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ފަގީރުންގެ ލިސްޓަށް ނުކުޅެދޭ ފަރާތްތަކާއި އެކަނިވެރި މައިން އިތުރުކުރަން ހުށަހެޅި އިސްލާހު ހިމެނެއެވެ. އެމްޑީޕީން ވަނީ ކާޑުގެ ބާވަތްތަކުން އިންޕޯޓް ޑިއުޓީ ނުނެގުމަށްވެސް އިސްލާހު ހުށަހަޅާފަ އެވެ. އަދި ކާޑުގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކުން ލިބޭ އާމްދަނީ ބަޖެޓުގައި ނުހިމެނުމަށްވެސް އެމްޑީޕީން މިއަދު ވަނީ ބަޖެޓަށް އިސްލާހު ހުށަހަޅާފައެވެ.

ޖުމްހޫރީ ޕާޓީން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ރަށެއްގެ މަޝްރޫއަކަށް ކަނޑައެޅިފައިވާ ފައިސާއެއް އެހެން ކަމަކަށް ހޭދަކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ކަނޑައެޅުމަށް ހުށަހަޅައިފައިވެ އެވެ. ހަމައެއާއެކު މުސާރައާއި މަގާމުތައް ގިންތި ކުރުމަށް ވެސް އެޕާޓީން ވަނީ ބަޖެޓަށް އިސްލާހު ހުށަހަޅާފައެވެ. ދަނޑުވެރިންނަށް 40 މިލިއަން ރުފިޔާ އަދި މަސްވެރިންނަށް 50 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމަށްވެސް ޖުމްހޫރީ ޕާޓީން ވަނީ ބަޖެޓަށް އިސްލާހު ހުށަހަޅާފައެވެ.

ޖުމްހޫރީ ޕާޓީން ވަނީ ބަޖެޓާއި ބަޖެޓަށް ހުށަހެޅި އިސްލާހުތަކަށް ތާއީދު ކުރަން ނިންމާފައެވެ. އެހެންނަމަވެސް އެމްޑީޕީން ވަނީ ބަޖެޓަށް ތާއީދު ނުކުރަން ނިންމާފަ އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެމްޑީޕީން ބަޖެޓަށް ތާއީދު ނުކުރަން ނިންމީ ކާޑުގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް ބަޖެޓުގައި ހިމަނާފައި ވާތީ ކަމަށެވެ.