04 Dec 2014, 16:57
ބަޣްދާދު (ޑިސެމްބަރު 3): އިރާގުގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަކަށް އީރާނުން ވައިގެ ޙަމަލާތަކެއް ދީފިކަމަށް ޚަބަރު ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާނުގެ އަސްކަރީ ޖެޓްތަކުން ޙަމަލާތައް ދީފައި ވަނީ އިރާގުގެ ދިޔާލީ ގަވަރނޭޓްގައިވާ އައިއެސްގެ މަރުކަޒުތަކަށެވެ. އީރާނުން މިޙަމަލާތައްދިނީ އިރާގުގެ ވައިގެ ސިފައިންނާ ވިލަރެސްކޮށްގެން ކަމަށާ މިޙަމަލާތައް ދިނުމުގައި އީރާނުން ބޭނުންކުރީ އެފް 4 މަރުކާގެ ފައިޓާ ޖެޓްތަކެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ވަނީ އިރާގުގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަކަށް އީރާނުން ވައިގެ ޙަމަލާތަކެއް ދިންކަމަށް ބުނާ ރިޕޯޓްތަކަކީ ދޮގުރިޕޯޓްތަކެއް ކަމަށް ނުބެލެވޭކަމަށް ބުނެފަ އެވެ. ނަމަވެސް މިއީ އެމެރިކާއާ ގުޅިގެން އަދި އެމެރިކާ އަށް ކުރިން އެނގިގެންވެސް ދިން ޙަމަލާތަކެއް ނޫންކަމަށް ޕެންޓަގަންގެ ތަރްޖަމާން އެޑްމިރަލް ޖޯންކެރީ ވިދާޅުވި އެވެ.
އީރާނުގެ ވައިގެ ސިފައިން މިހަމަލާތައްދިންކަން އެގައުމުގެ ސަރުކާރުން ކަށަވަރުކޮށެއް ނުދެ އެވެ. ނަމަވެސް އީރާނުގެ ސިފައިންގެ ވެރިޔާގެ ނައިބު ޖެނެރަލް މަސްއޫދު ޖަޒާއިރީ ވިދާޅުވީ އިރާގާ ގުޅޭ އެއްވެސް ކަމެއްގައި އީރާނުން އެމެރިކާއާ މަޝްވަރާ ނުކުރާނެ ކަމަށާ އިރާގަށް މިހާރު ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ އެމެރިކާކަމަށް އީރާނުން ދެކޭކަމުގަ އެވެ. (ބީބީސީ)