ރާއްޖޭގައި އޮޕަރޭޓްކުރާ ޔޮޓަކަށް ދާން ލިބުނު ދަތުރެކެވެ. ރޭގަނޑުގެ ކެއުމަކަށް ދައުވަތު ލިބިގެނެވެ. މާލެއިން ފުރި ވަގުތު އެއީ ކިހާވަރެއްގެ، ކިހާ ފެންވަރެއްގެ ޔޮޓެއްކަމެއް ނޭނގެ އެވެ. ނަމަވެސް އަޑުއިވޭ ގޮތުގައި އެއީ ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަމުން އަންނަ އެންމެ ފެންވަރު ރަނގަޅު ޔޮޓެވެ.

ޔޮޓެކޭ ބުނުމުން މީގެ ކުރިން ގިނަ ފަހަރު ސިފަވަނީ އާދައިގެ ގޮތަކަށެވެ. ނަމަވެސް އޮފީހުގެ މަސައްކަތާ ދުރަށްޖެހިލައި ހިތްފަސޭހަކޮށްލަން ޔޮޓަކަށް އެރީމެވެ. މިހާރުގެ ބަހުންނަމަ "ރިލެކްސް" ކޮށްލަންދާ މަންޒިލެއް ގޮތުގަ އެވެ. ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް 10 ވަރަކަށް މިނަޓުގެ ދަތުރަކަށް ފަހު ބޭނުންވާ މަންޒިލަށް ދެވިއްޖެ އެވެ. ޔޮޓުގެ އަސްލު ކުލަވަރު ފެންނަން ފެށީ އެ ހިސާބުންނެވެ.

"ދާއިންކަނބާ" ޔޮޓު (ކ)---

ލޯންޗުން ޔޮޓަށް ފޭބި ވަގުތު ޔޮޓުގައި ތިބި މުއައްޒަފުންގެ ފަރާތުން މަރުހަބާގެ ބަސްތައް އަމުނަމުންދިޔަ އެވެ. އެ މުއައްޒަފުންގެ މޫނުން ފެންނަން ހުރީ ހިނިތުންވުމެވެ. އޯގާތެރިކަމުގެ ރާގަށް ވާހަކަ ދެއްކި އެ މުއައްޒަފުންގެ ސަބަބުން ލިބިގެން ދިޔައީ އިތުރު ހިތްހަމަޖެހުމެކެވެ. ޔޮޓުގެ ބޭރުފުށުން ފެނުނު ހިތްގައިމު ކުލަވަރު ޔޮޓުގެ އެތެރެއިން ވެސް ފެނިގެންދާނެ ކަން ޔަގީންވީ އެ ހިސާބުންނެވެ.

ޔޮޓަށް ފޭބި ވަގުތު ލިބުނު ފިނި ބުއިމަކަށް ފަހު ދެން އަވަސްވެގަތީ ޔޮޓުގެ އެތެރެ ބަލާލުމަށެވެ. ކެއުމަށް އިންސާފު ކުރުމުގެ ކުރިން ފުރަތަމަ ވެސް ބަލާލަން ބޭނުންވި މަންޒަރަކީ އެއީ އެވެ. ޔޮޓުގެ މުއައްޒަފުންތަކަކާ އެކު ދޮރަކަށް ފަހު ދޮރެއް ހުޅުވަމުން އެތެރެއަށް ވަންނަމުން ދިޔައިރު މި އުޅެވެނީ ލަގްޒަރީ ރިސޯޓެއްގައިތޯ ނުވަތަ ހަމަ އަސްލު ވެސް ޔޮޓެއްގައިތޯ ސުވާލު ކުރެވުނެވެ.
"ދާއިންކަނބާ" ޔޮޓުގައި ހުންނަ ނިދާ ކޮޓަރިއެއް---ސަން ފޮޓޯ: ފަޔާޒު މޫސާ

އެތެރޭގެ ކޮޓަރިތައް ނަލަވެފައި ހިތްގައިމެވެ. ޔޮޓަކަށް ވަދެ އުޅުނު ނަމަވެސް ކަނޑުމަތީގައިވާ ޔޮޓެއްކަމުގެ އެއްވެސް އިހުސާސެއް ނުކުރެވެ އެވެ. އެއް އެނދުގެ ކޮޓަރިތަކެވެ. ދެ އެނދާ ތިން އެނދުގެ އޭސީ ކޮޓަރިތައް ވެސް ހިމެނެ އެވެ. ފުލް އެޗްޑީ އިންޓަނެޓް ތްރީޑީ ޓީވީ ތަކާއި ކޮފީ ބޯން ބޭނުންވާ ސާމާނުތަކެވެ. ކާލާނެ އެއްޗެއް ބޭނުންވިޔަސް ވަގުތުން ގުޅާލާފައި ބުނުމުން ކުޑަ އިރުކޮޅެއް ތެރޭގައި ނިދާފައި އޮތް ކޮޓަރިއާ ހަމައަށް ކާއެއްޗެހި ގެނެސްދެ އެވެ.

އެންމެ ޒަމާނީ ފަރުނީޗަރުތަކާއި އެކު ކޮޓަރިތައް ޒީނަތްތެރިކޮށްފައި ހުރި އިރު ސިޓިން ރޫމަކާއި ހާމައަށް ހުޅުވިފައި އޮންނަ އޯޕަން އޭރިއާ އެކެވެ. ފަތާލާނެ ރީތި ފެންގަނޑަކާ އެކުގަ އެވެ. މަސާޖު ކުރާ ސްޕާއެކެވެ. ގޭމުކުޅެ މަޖާކޮށްލާނެ ރޫމެކެވެ. އެންމެ ފަހުގެ ވަސީލަތްތަކާ އެކު ކަސްރަތުކުރާނެ ކޮޓަރިއެކެވެ. ނަމާދުކުރާ ކޮޓަރިއެއް ވެސް މެއެވެ. އެއްވެސް އުނިކަމެއް މިއިން އެއްވެސް ތާކުން ފެންނާކަަށް ނެތެވެ.
ސްޓެޓިކް ކުންފުނީގެ މާކެޓިން އެންޑް ސޭލްސް ޑިރެކްޓަރު އަހުމަދު އިސްމާއިލް ސަންއަށް އިންޓަވިއު ދެއްވަނީ---ސަން ފޮޓޯ: ފަޔާޒު މޫސާ

ވާނީވެސް އެހެންތާ އެވެ. މި އުޅެވެނީ އާދައިގެ ޔޮޓެއްގައެއް ނޫނެވެ. މި ވަގުތު ރާއްޖޭގައި އަދި އޭޝިއާ ސަރަހައްދުގައި އޮޕަރޭޓް ކުރަމުން އަންނަ އެންމެ ފެންވަރު ރަނގަޅު ޔޮޓުގަ އެވެ. ޓޫރިޒަމް އިންޑަސްޓްރީގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑް، "މަޓާޓޯ ޓްރޭވަލް އެވޯޑްސް" ދޭން ފެށީއްސުރެ ލީޑިން ލިވަބޯޑްގެ އެވޯޑު އެޔޮޓުގައި ބަހައްޓަމުން އަންނަ ޔޮޓެކެވެ. ތިން ފަހަރު ޓްރޭވަލް އެވޯޑްސް ހާސިލްކޮށް އޭޝިއާ ސަރަހައްދުން އެންމެ ފާހަގަކޮށްލެވޭ ޔޮޓުގެ އެވޯޑު ހާސިލްކޮށްފައިވާ "ދާއިންކަނބާ" ޔޮޓުގަ އެވެ. އެހެންކަމުން ފުރިހަމަ ވެސް ވާނެތާ އެވެ.

ސްޓެޓިކް ޓުއާސް ކުންފުނީގެ ބެލުމުގެ ދަށުން 2005 ވަނަ އަހަރު ފަށާފައިވާ ޔޮޓު ބަނުމުގެ މަސައްކަތް ކުރިއަށް ދިޔަގޮތް ސާފުކުރުމުގެ މަސައްކަތް ފެށީމެވެ. ސްޓެޓިކް ކުންފުނީގެ މާކެޓިން އެންޑް ސޭލްސް ޑިރެކްޓަރު އަހުމަދު އިސްމާއިލް ވިދާޅުވީ އެ މަސައްކަތް ކުރީ ރާއްޖޭގެ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ. އެއީ ހަތަރު އަހަރުގެ ކަވި މަސައްކަތެކެވެ. ލަގްޒަރީ ރިސޯޓެއްފަދަ އެ ޔޮޓު މޫދަށް ބާލައި ފުރަތަމަ ދަތުރު ފެށީ 2009 ވަނަ އަހަރު އެވެ.
"ދާއިންކަނބާ" ޔޮޓަށް ލިބިފައިވާ އެވޯޑުތައް---ސަން ފޮޓޯ: ފަޔާޒު މޫސާ

އެހެން ޔޮޓްތަކާ ޙިލާފަށް މި ޔޮޓަކީ މިވަގުތު މި ސަރަހައްދުގައި ޕްރައިވެޓް ޗާޓާޑް މާކެޓުގައި ވެސް އޮޕަރޭޓް ކުރާ ހަމައެކަނި ޔޮޓެވެ. އެހެންކަމުން އާއިލާތައް ޗުއްޓީ ހޭދަކޮށްލަން ނުވަތަ ރައްޓެހިންނާ އެކު މަޖާކޮށްލަން މިއީ ހަމަ ފައްކާ މަންޒިލެކެވެ. ކީއްވެތޯ އެވެ؟ ދެ މީހުން ނުވަތަ އެކަކު ދިޔަ ނަމަވެސް މުޅި ޔޮޓު އޮންނާނީ އެ ބަޔަކަށް ނުވަތަ އެ މީހަކަށެވެ. އެހެން ބައެއް ޔޮޓުތަކާ ޚިލާފަށް ވަކިން ކޮޓަރިއެއްގަ އެއް ނޫނެވެ.

"މުޅި ޔޮޓުގައި އުޅުމަށް މިނިވަންކަން އޮންނާނެ. ބައެއް ފަހަރު އެބައުޅޭ ވަކި އެއްޗެއް ކައިގެން މިސާލަކަށް އެލާޖިކްވާ މީހުން. އަނެއް ބަޔަކު އެބައުޅޭ މަސް ނުކާ މީހުން. މިގޮތަށް ތަފާތު މީހުން އުޅޭ. އެހެންވީމަ އެމީހަކު ބޭނުންވާ ކެއުމެއް އަޅުގަނޑުމެން އެ މީހަކަށް ތައްޔާރުކޮށް ދޭނަން. ޕްރައިވެޓް ޗާޓާޑް ޔޮޓަކަށް ވީމަ އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރަނީ އެގޮތަށް،" އިސްލާއިލް ވިދާޅުވި އެވެ.

ކާއެއްޗެހި ރައްކާކުރަން ވަކި ބައެއް ޔޮޓުގައި ހުރެއެވެ. އެކި ބައިތަކަށް، ވަރަށް ތަރުތީބުކޮށް ބައިބަޔަށް ޔޮޓު ބަހާލާފަ އެވެ. ކޮންމެ ބަޔަކަށް ހާއްސަ ދިވެހި ނަމެއް އެތަނެއްގައި ފެންނަގޮތަށް ބޯޑެއްގައި ހަރުކޮށްފައި ހުރެއެވެ. އެގޮތުން ގޭމް ސްޓޫޑިއޯ އަށް އަޑު ފޮށި، ފިޓްނެސް ރޫމަށް ހަށިހެޔޮ، މިގޮތަށް ގޮސް ތިރިގެ އާއި މަތިގޭގެ އިތުރުން ފެންޑާ އަދި ކަންމަތި ފަދަ ނަންނަން މި ޔޮޓުން ފެނުނެވެ. ޒަމާނީ ލަގްޒަރީ ޔޮޓަކުން ދިވެއްސަކަށް ފެނުނު އެންމެ ހިތްގައިމު އެއް މަންޒަރަކީ މިއީ އެވެ. މިއީ ރާއްޖޭގައި އޮޕަރޭޓްކުރާ މަތީ ފެންވަރުގެ ޔޮޓެއްކަމުގެ އިހުސާސް ވަރަށް އުފާވެރި ގޮތަކަށް އެ ވަގުތު ކުރެވުނެވެ.
"ދައިންކަނބާ"ގައި ހުންނަ ރެސްޓޯރަންޓް---

ޔޮޓުގެ އެތެރެ އާއި ބޭރުން ފެންނަ ހިތްގައިމުކަން ކަށަވަރުކުރުމަށް ފަހު ބޭރަށް ޖެހިލާނަމެވެ. ޕްރައިވެޓް ޗާޓާޑް މާކެޓްގައި އޮޕަރޭޓްކުރާ ޔޮޓެއް ކަމުން ދެ މީހުން އަންނަން ބޭނުން ވިޔަސް މުޅި ޔޮޓު އޮންނާނީ އެ ދެމީހުނަށެވެ. އެންމެ ޒަމާނީ ފެންވަރުގެ ޖެޓްސްކީ އާއި ޑައިވިން ބޯޓުފަދަ ތަކެތި ހިމަނައިގެން މި ޔޮޓުން ވޯޓާ ސްޕޯޓްސްގެ އުފާވެރިކަން ލިބެ އެވެ. ބަނާނާ ދުއްވުމާއި އަދިވެސް އެހެނިހެން މޫދު ކުޅިވަރުތަކެވެ.

"ޖުމްލަ 21 މުއައްޒަފުން މަސައްކަތް ކުރާއިރު އެންމެންގެ އެކޮމަޑޭޝަން އިންނާނީ ޔޮޓުގައި. ދެން ކަސްޓަމަރުންނަށް ބާކީ 14 މީހުންގެ ޖާގަ އިންނާނެ. 55 ޕަސެންޓް ސްޓާފުންނަކީ ރާއްޖޭގެ ކުދިން. މިކަމަށް ހަގީގަތުގައި ދިވެހިން ހޯދަން ވަރަށް އުނދަގޫ،" އިސްމާއިލް ކިޔައިދިނެވެ.
ޔޮޓުގައި ހުންނަ ޖަކޫޒީ ޕޫލެއް---

ޔޮޓެއް އޮޕަރޭޓް ކޮށްގެން އޭޝިއާ ސަރަހައްދުން ވެސް ޝަރަފްވެރި އެވޯޑްތައް ހޯދާފައިވާ ދައިންކަނބާ ޔޮޓަށް މިހާރު ދިމާވެފައިވާ އެންމެބޮޑު އެއް ދަތިކަމަކީ ހުޅުމާލެ ފަޅުން ސަފާރީތަކާއި ޔޮޓުތައް ނުކުންނަން އެންގުމެވެ. އިސްމާއިލް ވިދާޅުވި ގޮތުގައި ހުޅުމާލެ ފަޅުން "ބޭރުކޮށްލުމުން" އެކަމުގައި ވަރަށް ދަތިވެ އެވެ.

ދަތިތަކާ އެކު ވެސް ދައިންކަނބާ އިން މަޝްހޫރު އެތައް ސެލެބްރިޓީސް އަކަށް ވަނީ ހިދުމަތް ފޯރުކޮށްދީފަ އެވެ. މިހާރުވެސް ސައުދީގެ ޕްރިންސެއް އެ ޔޮޓުން ވަނީ ބުކިން ހައްދާފަ އެވެ. އެހެންކަމުން މިއީ ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ރީތިނަން ލިއްބައިދޭފަދަ އުޅަނދުތަކެކެވެ. ޔޮޓެއް ކަމަކު، ކުރިން ދެންނެވި ފަދައިން މިއީ ހަމަ ލަގްޒަރީ ރިސޯޓެކެވެ. މި ރާއްޖޭގެ މާވަޑިންގެ ހިތްގައިމު ބުރަ މަސައްކަތެކެވެ. އުފާވެރި މަންޒިލެކެވެ. ދެމަފިރިންގެ "މާމުއި ހަނދަށް" ނުވަތަ "ހަނީމޫނަށް" ހަމަ އެންމެ ފައްކާ މަންޒިލެކެވެ.