މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑްރަގް އޮޕަރޭޝަންސް ޔުނިޓްގެ ގޮތްޕެއް ތިލަފުށީގައި ގާއިމްކޮށް އެ ޔުނިޓްގެ މަސައްކަތްތައް ފަށައިފިއެވެ.

އިއްޔެ ތިލަފުށީގައި ޑްރަގް އޮޕަރޭޝަންސް ޔުނިޓްގެ މަސައްކަތްތައް ފަށާފައިވަނީ ތިލަފުށްޓަކީ ރާއްޖެއިން ބޭރުން އަންނަ ބޯޓު ފަހަރު ބަނދަރުކުރުމަށް އަމިއްލަ ބަނދަރުތަކެއް ހުރި ރަށަކަށްވާތީ އާއި އެރަށަކީ ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރާ ރަށްކަށްވުމާއެކު ތިލަފުށީގެ ސަލަމާތާއި ރައްކާތެރިކަމަށް މާލެސިޓީ ޕޮލިސްގެ ތިލަފުށި ޕޮލިސް ސްޓޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، މަސްތުވާތަކެއްޗަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމުގެ ގޮތުންނެވެ.

މަސްތުވާތަކެއްޗަށް ޚާއްސަ ސަމާލުކަމެއް ދީގެން މި ޔުނިޓްގެ މަސައްކަތްތައް ކުރިއަށްގެންދާއިރު މި މަސައްކަތްތަކާއި ހިންގާ އޮޕަރޭޝަންތައް ހިންގަމުންދާނީ ތިލަފުށި ޕޮލިސް ސްޓޭޝަނާއި ގުޅިގެންނެވެ. އަދި ކުރިއަށް އޮތްތަނުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޚިދުމަތްތައް ރާއްޖޭގެ އެހެން އަތޮޅުތަކަށް ފުޅާކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.