ޕެރިސް (ޑިސެމްބަރު 3): ކުރިޔަށްއޮތް ދެއަހަރު ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް އިސްރާއީލު އެއްބަސްނުވާ ނަމަ ފަލަސްތީނުން އިޢްލާންކޮށްފައިވާ މިނިވަން މުސްތަގިއްލު ދައުލަތަށް އިޢްތިރާފްވާނެ ކަމަށް ފަރަންސޭސިވިލާތުން ބުނެފި އެވެ.

ފަލަސްތީނުން އިޢްލާންކޮށްފައިވާ މިނިވަން މުސްތަގިއްލު ދައުލަތަށް އިޢްތިރާފް ވުމަށް ފަރަންސޭސި ސަރުކާރަށް ގޮވާލައި އެގައުމުގެ ޕާލަމެންޓުން އިއްޔެ ފާސްކުރި ގަރާރަށް ފަހު ދެއްވި ބަޔާނެއްގައި ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ވިދާޅުވީ ދެހައަހަރު ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރެވޭ ގޮތަށް ފަލަސްތީނާއެކު ސުލްޙައިގެ ވާހަތައް ފެށުމަށް އިސްރާއީލަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ހުށަހެޅުމަށް ފަރަންސޭސި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ.

މިމުއްދަތުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ހުޅަނގު އައްސޭރިއާއި ޣައްޒާގައި ގާއިމް ކުރުމުގެ ފުރްސަތު އިސްރާއީލުން ނުދޭ ނަމަ ނުވަތަ މިގަރާރު ސަލާމަތީ މަޖިލީހުން ފާސް ނުވެއްޖެ ނަމަ 2016 ވަނަ އަހަރު ފަރަންސޭސި ސަރުކާރުން ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތަށް އިޢްތިރާފްވާނެ ކަމަށް ފަރަންސޭސި ފެބިއޮސް ވިދާޅުވި އެވެ. ފަލަސްތީނުގެ މިނިވަން ދައުލަތް އިޢްތިރާފްވުމަށް ފަރަންސޭސި ސަރުކާރަށް ގޮވާލާ ގަރާރެއް ފަރަންސޭސި ޕާލަމެންޓުން ފާސްކޮށްފައިމި ވަނީ އިނގިރޭސިވިލާތާއި އަޔަރލޭންޑާއި ސްޕޭންގެ ޕާލަމެންޓްތަކުން ވެސް މިފަދަ ގަރާރުތައް ފާސްކޮށްފައިވަނިކޮށެވެ.
އަދި ޔޫރަޕްގެ އެހެންގައުމެއް ކަމަށްވާ ސްވިޑްންގެ ސަރުކާރުން މިދިޔަ މަހު ރަސްމީ ސިފައެއްގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ގަބޫލުކޮށްފަ އެވެ.
އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރުގެ ދަށުގައިވާ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ޔޫރަޕްގެ ގައުމުތަކުން މިފަދަ ނިންމުންތަކެއް ނިންމަމުން މިގެންދަނީ މިކަން ނުކުރުމަށް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔަހޫ އެގައުމުތަކަށް ބިރު ދައްކަވައި އެތަށް އިންޒާރުތަކެއް ދެއްވަމުން ގެންދަވަނިކޮށެވެ. އިސްރާއީލުގެ ހަރުކަށި އިންޒާރުތަކާ އަދި ޔޫރަޕްގައިވާ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކުގެ ބާރާއި ނުފޫޒާއެކު ވެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ވަރުގަދަ ރޫޙެއް ޔޫރަޕްގެ ގައުމުތަކުގައި އުފެދިފައިމިވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންގެންދާ ހަރުކަށި އަދި އަނިޔާވެރި އަމަލުތަކާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލު އެންމެފަހުން ހިންގި ޢުދުވާނީ ހަނގުރާމައިގާ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކާ އަދި ފަލަސްތީނުގެ ހިފާފައިވާ ބިންތައްވެސް ދާއިމީ ގޮތަކަށް އަތްދަށުލުމަށް ޓަކައި އެބިންތަކުގައި ގާނޫނާ ޚިލާފަށް ޔަހޫދީން ވަޒަންވެރިކުރުވަމުން ގެންދާ މައްސަލައާ ގުޅިގެން ޔޫރަޕްގެ އާންމުންގެ ޚިޔާލު ވެސް ވަނީ އިސްރާއީލާދެކޮޅަށް ބަދަލުވާން ފަށާފަ އެވެ. ޣައްޒާގެ ހަނގުރާމައިގާ އިސްރާއީލުން ފަލަސްތީނުގެ އާންމުންގެ ދޮޅު ހާސްމީހުން ޝަހީދުކޮށްލި ޖަރީމާތަކަށް ފަހު ޔޫރަޕްގެ ބައެއްގައުމުތަކުގައި ކުރި ސާވޭއެއްގައި ޔޫރަޕްގެ އާންމުންގެ ތެރެއިން 70 އިންސައްތަ މީހުން އިސްރާއީލާ ދެކޮޅުކަމާއި ފަލަސްތީނަށް ހަމްދަރްދީވާކަން ހާމަވެފައިވެ އެވެ.

މީގެއިތުރުން ފަލަސްތީނުން އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދައްކާތާ 20 އަހަރު ވީއިރު ވެސް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އިސްރާއީލު ދެކޮޅު ހަދާފައިވާތީ ޔުރަޕްގެ ސިޔާސީ ފަރާތްތައް ވެސް އިސްރާއީލާމެދު ދެކޭގޮތްވަނީ ބަދަލުވާން ފަށާފަ އެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވުމަށް ގޮވާލައި ފަރަންސޭސި ޕާލަމެންޓުން ފާސްކުރި ގަރާރަކީ އެއަށް އަމަލުކުރުން ފަރަންސޭސި ސަރުކާރަށް ލާޒިމްވާ ގަރާރެއް ނޫންނަމަވެސް މީގެ ދެ އަހަރު ފަހުން ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވާނެކަން ފަރަންސޭސި ސަރުކާރުން ހާމަކުރުމުން މިއީ ފަލަސްތީނުގެ މައްސަލާގައި ފަރަންސޭސި ސަރުކާރާއި ޕާލަމެންޓުން ނިންމި ތާރީޚީ ނިންމުމެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތައް)