މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލިފައިވާތީ އޭނާ ހޯދުމަށް ކުރާ މަސައްކަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ހުރި އެންމެ ފަހު މީހާ ވެސް ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އޭނާ ދޫކޮށްލައިފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން މިމަހުގެ އެއް ވަނަ ދުވަހު ކޯޓުން އޭނާ ދޫކޮށްލަން އަމުރުނު ނެރުމުން ކަމަށެވެ.

ރިޟްވާން ހޯދުމަށް ކުރާ މަސައްކަތުގައި ފުލުހުން ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެހެންނަމަވެސް އެހުރިހާ އެންމެން މިހާރު ވަނީ ދޫކޮށްލައިފައި އެވެ. މި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކުރިއިރު އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުން ހާމައެއްނުކުރެއެވެ.

ރިޟްވާން ގެއްލިގެން ހޯދަމުންދާތާ މިއަދަށް ވަނީ 117 ދުވަސްވެފައި އެވެ. އޭނާ ގެއްލިގެން ހޯދުމަށް ކުރާ މަސައްކަތުގައި ފުލުހުން ވަނީ ހުޅުމާލެ އާއި މާލޭގެ އެކި ސަރަހައްދުތައް ބަލައި، ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯތަކެއް ހޯދާފަ އެވެ. ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ބައެއް ހެކިތައް އިތުރަށް ދިރާސާ ކުރުމަށްޓަކައި ވަނީ ރާއްޖެއިން ބޭރަށް ވެސް ފޮނުވާފަ އެވެ.