ގާހިރާ (ޑިސެމްބަރު 3): މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ތާއީދުކުރާމީހުންނާއި އެޖަމާއަތަށް ނިސްބަތްވާ 188 މީހުން މެރުމަށް މިސްރުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.

ޖީޒާގެ ޖިނާއީ ކޯޓުން އިއްޔެ ކުރި ޙުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު، ޖީޒާގެ އަވަށެއްކަމަށްވާ ކަރްދާސާގެ ފުލުހުންގެ މަރުކަޒަކަށް އަރައިގަނެ ޙަމަލާދީ ފުލުހުންގެ 14 މީހަކު މަރާލިކަމަށް ދައުލަތުން ކުރާ ތުހަމަތުތައް މި 188 މީހުންގެ މައްޗަށް ސާބިތުވާކަމުގަ އެވެ. ނަމަވެސް މި 188 މީހުން މެރުމާމެދު އެންމެފަހުގެ ޙުކުމް އިއްވާނީ މިއެންމެންނަށް މަރުގެ އަދަބު ދިނުމާމެދު މިސްރުގެ މުފްތީގެ ރައުޔު ހޯދުމަށްފަހުގައި ކަމަށާ މުފްތީ މިކަމަށް ދެކޮޅު ހައްދަވާނަމަ މަރުގެ ހުކުމް އެހެން ޙުކުމަކަށް ބަދަލުކުރުމުގެ ފުރްސަތު އޮތްކަމަށް ވެސް ޖީޒާގެ ޖިނާއީ ކޯޓުގެ ޙުކުމް ބުނެ އެވެ. މިމައްސަލާގައި މުފްތީގެ ރައުޔު ހޯދުމަށް ފަހު އެންމެފަހުގެ ޙުކުމް އިއްވާނީ އަންނަ ޖަނަވަރީމަހުގެ 24ގައި ކަމަށް ޖީޒާގެ ޖިނާއީ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ފާއިތުވި ދޮޅު އަހަރު ތެރޭގައި މިސްރުގެ ކޯޓުތަކުން ވަނީ ޑރ. މުޙައްމަދު މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ތާއީދުކުރާމީހުންނާއި އެޖަމާއަތުގެ އިސް ވެރިންނާ އަދި އެޖަމާއަތަށް ނިސްބަތްވާ އެތައްސަތޭކަ ބައެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ޙުކުމް އިއްވާފަ އެވެ. މި ޙުކުމްތައް އިއްވާފައި ވަނީ މުރުސީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލުމާ ގުޅިގެން އެކަމާދެކޮޅަށް އިޚްވާނު ޖަމާއަތުގެ މެންބަރުންނާއި މުރުސީއަށް ތާއީދުކުރާމީހުން ކުރި މުޒާހަރާތަކާ ގުޅިގެންނެވެ. މިމުޒާހަރާތަކާ ދެކޮޅަށް މިސްރުގެ ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކޮށްގެން ތިންހާހަށް ވުރެ ގިނަ މީހުން މަރާލައި އެތައް ސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައިވާއިރު ވެސް އެޖަރީމާތަކުގެ ފަހަތުގައިވާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް އެއްވެސް ދައުވާއެއް އުފުއްލަވާފައެއް ނުވެ އެވެ. އަދި މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމާދެކޮޅަށް ކުރި މުޒާހަރާތަކުގައި އައްސަތޭކަ މީހުން މަރާލި މައްސަލާގައި ވެސް ގާހިރާގެ ޖިނާއީ ކޯޓުން ހުކުމްކޮށްފައި ވަނީ މުބާރަކާއި އޭނާގެ އައުވާނުން ކުށްވެރިނުވާ ކަމަށެވެ.

މިސްރުގެ ކޯޓުތަކުން އިއްވާ މިޙުކުމްތައް މިސްރުގެ އެތެރެއާއި ބޭރުގައި ސިފަކުރެވެނީ ސިޔާސީ ގޮތުން ވަކިކޮޅަކަށް ބުރަވެގެން ކުރަމުން ގެންދާ ހުކުމްތަކެއްގެ ގޮތުގަ އެވެ. މިސްރުގެ ސަރުކާރުންވަނީ އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތަކަށް ހަދާފައެވެ. ސަރުކާރުގެ މިނިންމުމަށް މިސްރުގެ ހައިކޯޓުންވެސްވަނީ ތާއީދުކޮށްފަ އެވެ. (އަލްޖަޒީރާ)