ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއެކު މާލެއިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 93 ބަނގުރާފުޅިއާއެކު އެމީހާ ހައްޔަރު ކުރީ ޓީޖެޓީ ސަރަހައްދުން ޕިކަޕަކަށް ބަނގުރާފުޅިތައް އަރުވައިގެން ދަނިކޮށް މަޖީދީމަގު ލެކިއުޓް ކައިރިން އެދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެޕިކަޕް ހުއްޓުވައި ޕިކަޕްގައި ހުރި ފޮށިގަނޑުތައް ބަލައިފާސްކުރިއިރު 93 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕިކަޕްގެ ޑްރައިވަރު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.