މާފަންނު ހުޅަނގު ދާއިރާގައި އަންނަ އަހަރު ފުޓްސަލް ދަނޑެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރާއީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޝޯގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ މެދާހިސާބަށް ދިޔުމުގެ ކުރިން އެ ދާއިރާގައި ފުޓުސަލް ދަނޑެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

".....އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ސަރަހައްދުގެ [މާފަންނު ހުޅަނގު ދާއިރާ] ޒުވާނުންނަށް މިސަރަހައްދުގައި އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މެދާ ހިސާބަށް ދިޔުމުގެ ކުރިން ފުޓްސެލް ދަނޑެއް ގާއިމް ކޮށްދޭނަން،" ރާއީސް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި މިރޭ ބޭއްވި ޝޯ އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެކަންކަމަކީ މާފަންނު ހުޅަގު ދާއިރާގެ ޒުވާނުންތަކެއް އިސްނަގައިން ޔޫތު މިނިސްޓްރީއާއެކު ކުރި މަސައްކަތްތަކެއް ކަމަށެވެ. އަދި އެ ހަރަކާތްތައް އިންތިޒާމް ކުރުމުގައި ބައިވެރިވި ޒުވާނުންނަށް ހިތްވަރު ދެއްވައި އެމަނިކުފާނު ވަނީ އެފަދަ ކަންކަމުގައި ބައިވެރިވުމަށް ޒުވާނުންނަށް ގޮވާލައްވާފަ އެވެ.

އެ ޝޯގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ މިއަދު ހަވީރުން ފެށިގެން ބާއްވާފައިވާ އެކިއެކި ހަރަކާތްތަކަކީ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ހަރަކާތްތަކެއް ކަމަށާއި، މި ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.

"މިއަދުގެ ސަރުކާރުން ޒުވާނުން މުނިފޫހި ފިލުވުމަށްޓަކައި، ޒުވާނުން ބާރުވެރި ކުރުވުމަށްޓަކައި، އަދި ޒުވާނުން ކުރިއެރުވުމަށްޓަކައި ބަޖެޓުގައި ހިމެނިގެންނާއި ބަޖެޓުގެ ބޭރުން ގިނަ މަސަކަތްތަކެއް ކުރަމުން އެބަ ގެންދަން. ފުރިހަމަ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،" މަލީހު ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޔޫތު މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދާ ސްޕޯޓްސް އެރީނާތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައި ވާއިރު، މިރޭ ބޭއްވި ޝޯގައި ރާއްޖޭގެ ޒުވާން އެކިއެކި ފަންނާނުންގެ ހަރަކާތްތަކެއްވެސް ވަނީ ދައްކާލާފައެވެ. ރައީސްގެ ދެކަނބަލުންނާއި ޔޫތު މިނިސްޓަރުގެ އިތުރުން އެހެނިހެން ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ޒުވާނުންގެ ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.