އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި މަސައްކަތް ކުރާ ދިވެހިން ވަޒީފާއިން ވަކިކޮށް، ބިދޭސީންނަށް ވަޒީފާ ދޭ މައްސަލާގައި ލިޔުމުން މަޖިލީހަށް ޖަވާބުދާރީވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް މަޖިލީހުން އަންގައިފި އެވެ. މަޖިލީހުން އެ ގޮތަށް އެދުނީ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިގެންނެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ކުރިއަށް ގެންދަން އެ ވަގުތު ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީން މިއަދު ނިންމެވީ ލިޔުމުން އެ މައްސަލައިގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަށެވެ.

ކޮމިޓީގެ މުގައްރިރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު "ސަން" އަށް ވިދާޅުވީ އެމްއޭސީއެލަށް ފޮނުވި ސިޓީގައި ގިނަ އަދަދެއްގެ ދިވެހިން ކަނޑާލި ސަބަބު ބަޔާން ކުރުމަށް ބުނެފައިވާނެ ކަމަށެވެ. އަދި މިހާތަނަށް ވަޒީފާ ދީފައިވާ ބިދޭސީންގެ އަދަދު ސާފުކޮށްދެއްވުމަށް ވެސް ހުށަހަޅާފައިވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ސަރުކާރުގެ ސިޔާސަތެއް އެއީ ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ދިނުމަކީ. މިކަން މިހެން ހިނގާ ކަމަށްވާނަމަ ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ގެއްލިގެން މި ދަނީ. އެހެންވީމަ މި މައްސަލަ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލާނަން،" ރިޔާޒް ވިދާޅުވި އެވެ.

އެމްއޭސީއެލްގައި މަސައްކަތް ކުރާ ދިވެހިން ވަޒީފާއިން ކެނޑުމަށްފަހު ބިދޭސީންނަށް ވަޒީފާ ދޭ މައްސަލަ ފެންމަތިވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކަމަށް ރިޔާޒު ތުހުމަތު ކުރެއްވި އެވެ.

ރިޔާޒް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި އެއާޕޯޓް ހިންގުމަށް ހަވާލުކޮށްފައިވާ ޖީއެމްއާރު އޮތް އިރުވެސް އެފަދަ ކަމެއް ހިނގާފައިވާ ކަމަކަށް މައުލޫމާތުލިބިފައި ނުވާ ކަމަށެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.

ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މެމްބަރު އަބްދުއްލަތީފު ވިދާޅުވީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިންމު ވައުދެއް ކަމަށާއި ބިދޭސީންނަށް ވަޒީފާ ދޭ ކަމުގައިވާނަމަ އެކަމުން ދިވެހި ޒުވާނުންނަށް ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަން ބަންދު އިބްރާހީމް ސަލީމްގެ އަތެއްވާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.