ޒުވާނުންނަށް ޚާއްސަކޮށްގެން ސަރުކާރުން ދޫކުރާ 'ގެޓް ސެޓް' ލޯނު ސްކީމްގެ ދަށުން ލިބޭ ލޯނުން ސަރުކާރުން ހިންގާ ގެސްޓްހައުސް ޕްރޮޖެކްޓުގައި ޒުވާނުންނަށް އިންވެސްޓް ކުރެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޝޯގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ލޯނުން 'ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓް' ގެ އެކިއެކި ބައިތަކުގައި އިންވެސްޓް ކުރުމުގެ ޖާގަ ޒުވާނުންނަށް އެބައޮތް ކަމަށެވެ.

"ޒުވާން ވިޔަފާރިވެރިންނަށް ލޯނާއި އެކީ މި ހުޅުވާލެވޭ ފުރުސަތުތަކުގެ ތެރޭގައި ސަރުކާރުން ތައާރަފްކުރި ގެސްޓްހައުސް ޓުއަރިޒަމް ގެ ކޮންސެޕްޓުގެ ތެރެއިން އެކިއެކި ކޮމްޕޯނެންޓް ތަކުގައި އިންވެސްޓު ކުރުމުގެ ޖާގަ އެބައޮތް. ގެސްޓްހައުސް ޕްރޮޖެކްޓުގެ ދަށުން ޓުއަރިޒަމްގެ ރިސޯޓެއް ފުރިހަމަ ކުރުމަށްޓަކައި ވަކިވަކި ބައިތަކެއް ހުރޭ. މިއިން ކޮންމެ ބައެއްގައި މިދަންނަވާ ލޯނު ނަގައިގެން ޒުވާން އިންވެސްޓަރުންނަށް އިންވެސްޓު ކުރެވިދާނެ،" ރާއީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ލޯނުނަގާ އެންމެ ފަރާތަކުން ގެސްޓުހައުސް ޕްރޮޖެކްޓުގެ ކޮމްޕޯނެންޓެއްގައި އިންވެސްޓްކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެ ކަމަށާއި ނަމަވެސް އެ ލޯނުނަގާ ދެތިން ފަރާތެއް ގުޅިގެން ގެސްޓުހައުސް ޕްރޮޖެކްޓުގެ ކޮމްޕޯނެންޓެއް ނެގުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އަދި އެގޮތަށް ނެގޭ ކޮމްޕޯނެންޓުގައި އެފަރާތްތަކަށް 100 ޕަސެންޓް އިންވެސްޓު ކުރެވިދާނެ ކަމަށާއި، މިފަދަ ގޮތަކަށް އިންވެސްޓްކުރުމުން އެ ރަށެއްގެ ޓުއަރިޒަމްގެ ހުރިހާ ކަމެއް ފުރިހަމަވެގެން ދިޔުމުގެ އިތުރުން، އެ ނެގި ކޮމްޕޯނެންޓުގެ ވިޔަފާރީގެ ހުރިހާ ނަފާއެއް ލިބިގެން ދާނީ ލޯނު ނަގާ ފަރާތްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ލޯނު ސްކީމްގައި ހުރި ލުއި ގޮތްތަށް ފާހަގަކުރައްވައި، ޒުވާނުންނަށް ލިބިގެންދާ މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް ޔާމީން ވަނީ ޒުވާނުންނަށް ބާރު އަޅުއްވާފައެވެ. އެގޮތުން އެ ސްކީމުގެ ދަށުން ލޯނު ނެގުމުގެ ކުރިން އެއްވެސް މުދަލެއް ރަހުނު ކުރަން ނުޖެހޭނެ ކަމަށާއި، ލޯނު ނަގައިން ހިންގާ މަޝްރޫއެއް ނާކާމިޔާބުވިކަމުގައި ވިޔަސް ލޯނު ނެގި ފަރާތަށް އިތުރު ދަރަނިތަކަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އާންމުކޮށް ވިޔަފާރި ބެންކުތަކުން ދޫކުރާ ލޯނާއި މި ލޯނާއި ހުރި ތަފާތަކީ މި ލޯނު ނެގުމުގައި ލޯނު ނަގާ ފަރާތުގެ އެއްވެސް މުދަލެއް ރަހުނުކުރަން ނުޖެހޭކަން. އެކި ކަހަލަ ފަންނުތަކުގައި އަރާ ތިބި ޒުވާނުން ރާއްޖޭގައި ތިބިކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. އެ ޒުވާނުންގެ ހުނަރު ވިޔަފާރީގެ އުސޫލުން ރައްޔިތުންނާ ހަމައަށް ގެނެސްދޭން ކުރެވޭ ކޮންމެ މަސައްކަތަކީ މި ގެޓް ސެޓް ޕްރޮގްރާމްގެ ދަށުން ބަލައިގަނެވޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެ ލޯނު ސްކީމްގެ ދަށުން ހިންގާ މަޝްރޫއުތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިކޮށް، ރަށަށް ނުވަތަ މުޖުތަމައުއަށް ވީހާވެސް ބޮޑު ފައިދާއެއް ކުރާނެ ގޮތަކަށް އެ ލޯނުގެ ބޭނުން ހިފުމަށް ވެސް ރައީސް ވަނީ ޒުވާނުންނަށް ބާރު އަޅުއްވާފައެވެ.

'ގެޓް ސެޓް' ލޯނު ސްކީމަށް އެދޭ ފޯމު އަންނަ ޖެނުއަރީގައި ދޫކުރަން ހަމަޖެހިފައި ވާއިރު އެ ލޯނު ސްކީމްގެ ހަމައެކަނި ޝަރުތަކީ "ދެ ޒުވާނުން އެކީ ވިޔާފާރިއެއް ފަށާނެ ރަނގަޅު ޚިޔާލެއް" ހުށަހެޅުމެވެ.