ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ރަމްޒީ ގަރާރެއް ފަރަންސޭސިވިލާތުގެ ޕާލަމެންޓުން މިއަދު ފާސްކޮށްފި އެވެ.

އަލްޖަޒީރާ ބުނީ އެގަރާރާ އެއްކޮޅަށް 339 މެމްބަރުން ވޯޓު ދެއްވި ކަމަށާއި ދެކޮޅަށް ވޯޓްދެއްވީ 151 މެމްބަރުން ކަމަށެވެ.

މިއަދު ފާސްކުރި ގަރާރަކީ ފަރަންސޭސި ސަރުކާރުން އަމަލުކުރަން ޖެހޭ ގަރާރަކަށް ނުވިޔަސް ވަގުތު ޖެހުމުން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ފަރަންސޭސީން ކުރިން ވަނީ ބުނެފަ އެވެ.

ފަރަންސޭސި ޕާލަމެންޓުން މިއަދު ފާސްކުރި ފަދަ ރަމްޒީ ގަރާރުތައް އިނގިރޭސިވިލާތާއި ސްޕެއިނާއި ސްވިޑަން އިން ކުރިން ވަނީ ފާސްކޮށްފަ އެވެ. އެކަމާ އިސްރާއީލުން ނުރުހުނު އިރު ފަރަންސޭސި ޕާލަމެންޓުގެ މި ނިންމުމާއި މެދު އިސްރާއީލް ވަރަށް ބޮޑަށް ރުޅިއަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެގަރާރަށް އިސްރާއީލުން މިހާރު ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ގަރާރާ ބެހޭ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "އެއީ ވަރަށް ބޮޑު ގޯހެއް" ކަމަށެވެ.